އަލީ ޔާމިން
ކޮވިޑު ޖެހުނު 86 ވަނަ މީހާއަކީ އެސްޓީއޯގެ ސެކިއުރިޓީ ގާޑެއް ކަމަށާއި އޭނާ ޓެކްސީވެސް ދުއްވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19އަށް މާލެއިން މިއަދު ޕޮޒިޓިވްވެފައިވަނީ ދެ ކޭސްއެކެވެ. އެއީ ޕޭޝަންޓް 85 އާއި ޕޭޝަންޓް 86 އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، އޭގެ ތެރެއިން ކޭސް 86 އަކީ އެސްޓީއޯގެ ސެކިއުރިޓީ ގާޑެެއް ކަމަށާއި އޭނާއަކީ ކޮންމެވެސް ވަރަކަށް ޓެކްސީ ދަތުރުކުރަމުން ގެންދިޔަ މީހެއް ކަމަށެވެ. އޭނާއަކީ ދިވެއްސެއްކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"މީނާއަކީ ދިވެއްސެއް. އޭނާ މަސައްކަތް ކުރަމުން ދަނީ އެސްޓީއޯ ހެޑްކުއާޓާސްގައި އެސްޓީއޯ ސެކިއުރިޓީއެއްގެ ގޮތުގައި. މީގެ އިތުރުން މީނާއަކީ ކޮންމެވެސް ވަރަކަށް ޓެކްސީވެސް ދުއްވާ މީހެއް. މީނާގެ އަލާމާތްތައް ފެނިފައިވަނީ 15 ވަނަ ދުވަހު،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޕޮޒިޓިވްވި ޓެކްސީ ޑްރައިވަރަކީ އިތުރު ކްލަސްޓާތަކަކާ ގުޅިފައިވާ މީހެއް ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގް، ކޭސް 36 އާ ހިސާބާ ގުޅޭކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. ކޭސް 36 އަކީ ހުޅުމާލޭ އަމީން ހިޔާގައި ހުއްޓައި ހުން އައިސްގެން ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން ޕޮޒިޓިވްވި މީހާއެވެ.
އަފްޒަލް ވިދާޅުވީ ކޭސް 36 ކުރިން ހުރި ގެއަކީ ޕޮޒިޓިވްވި ޓެކްސީ ޑްރައިވަރު ހުރި ގެ ކަމަށެވެ. އަދި އެ ގޭގައި ތިބި އެހެން ތިން ބިދޭސީއެއްވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެއީ ކޭސް 74، 75 އަދި 83 އެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ހަތް މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.