އަލީ ޔާމިން
ޑޮކްޓަރުން މަސައްކަތް އެކުރަނީ އެއްވެސް އަރާމެއް ނެތި ކަމަށާއި އެމީހުންގެ ހިތްވަރު އެލޭގޮތަށް ވާހަކަނުދެއްކެވުން އެއީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19ގެ ނުރައްކާ ކުރިމަތިވެފައިވާ މި ހާލަތުގައި ސަރުކާރުގެ މަތީ ފަޑީގެ ބައެއް ބޭފުޅުންނާއި، ބައެއް ވުޒާރާތަކުން ރެކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑް 19އާ ދެކޮޅަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންއީއޯސީގެ މަސައްކަތްތައް ލީޑުކުރައްވަނީ އެންޑީއެމްއޭއާ އެޗްޕީއޭގެ ފަރާތުން ކަމަށާއި، އެ ދެތަން ހިމެނެނީ ޑިފެންސް މިނިސްޓްރީއާ ހެލްތު މިނިސްޓްރީގެ ދަށުން ކަަމަށެވެ.
"ކަރަންޓީން ފެސިލިޓީތަކާއި އެކޮމިޑޭޝަން ފެސިލިޓީތައް މާލޭގައި މަސައްކަތް ކުރާ ފްރަންޓްލައިން އޮފިސާސްއާ ހިމެނޭހެން ހަމަޖައްސަވައިދެއްވަމުން ގެންދަވަނީ ޓޫރިޒަމް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން. މިކަމާ ގުޅޭ ސެކިއުރިޓީގެ ކަންކަން ބެހެލެއްޓުމަށް ހޯމް މިނިސްޓްރީން މަސައްކަތްކުރައްވާ. މިގޮތަށް ހަގީގަތުގައި މުޅި ސަރުކާރު މިއޮތީ އެންގޭޖުވެފަ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މުޅި އެންއީއޯސީގެ މަސައްކަތް ބިނާވެފައި އޮންނަނީ ޑޮކްޓަރުންނާއި، ފަބްލިކް ކެއާ ޕްރޮފެޝަނަލުން އަންގަވާ ގޮތެއްގެ މަތިން ކަމަށާއި ކޮވިޑުގެ ކަމެއްގައި ނަގާ ހުރިހާ ފިޔަވަޅެއްވެސް ނަގަނީ އެބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސަރުކާރުން ކުރާ ކަމެއްގައި ގޯހެއް އުޅޭނަމަ ސަރުކާރަށް އެކަމުގެ ފާޑުކިޔުން އަމާޒުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އަމާޒުކޮށް ހަގީގަތާ ހިލާފު ވާހަކަތަކާއި، އެ ބޭފުޅުންގެ ހިތްވަރު އެލޭފަދަ ވާހަކަތައް ދެއްކުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މި ދެ ދުވަހު އަޅުގަނޑަށް އުނދަގޫވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ، ޑޮކްޓަރުންނާ ދިމާލަށް އެ ބޭފުޅުން އެކުރަނީ ރަނގަޅަށް ނޫންކަމެއް އަދި އެ ބޭފުޅުންގެ ޒާތާ ބެހި އެކި ތަންތާނގައި ވާހަކަ ދެއްކެމުންދާތީވެ. މުޅި ދުވަހު ރެއާ ދުވާލު އެބޭފުޅުން މިތާގައި އެ އުޅުއްވަނީ ހުއްޓުމެއްނެތި އެޓީމުތަކުން މަސައްކަތް ކުރަމުން އެގެންދަވަނީ އަދި އަޅުގަނޑަށް އެނގޭ އެގޮތަށް މަސައްކަތް ކުރާއިރު ބައެއް ބޭފުޅުން ބޭނުންވާ އަވަސްމިނުގައި ކަންތައްތައް ނުވާނެކަންވެސް. އެހެންނަމަވެސް އެދެވޭ ގޮތެއް ކަމަކަށް ނުފެނޭ އެ ބޭފުޅުން އެކުރާ މަސައްކަތުގެ އަގު ވަޒަންނުކޮށް އެބޭފުޅުން އެކުރާ މަސައްކަތުގެ ހިތްވަރު ގެއްލޭ ގޮތަށް ވާހަކަދެއްކުން. އެއީ އެއްވެސް ވަރަކަށް ޓޮލަރޭޓް ކުރެވޭނެ ކަމެއް ނޫން،" މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި 900 އަށްވުރެ ގިނަ ޑޮކްޓަރުންނާއި 2000 އަށްވުރެ ގިނަ ނަރުހުން ތިބި އިރު އޭގެ ތެރެއިން 55 އިންސައްތަ ހާއްސަކޮށްފައިވަނީ ކޮވިޑާ ގުޅުންހުރި ކަންކަމަށެވެ. އަދި ރެއާ ދުވާލު ޑޮކްޓަރުންނާއި ނަރުހުން އަންނަނީ ކެނޑިނޭޅި ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ.