އަލީ ޔާމިން
އިކޮނޮމިކް މިނިސްޓްރީއާއި އެމްޕީއެލް ގުޅިގެން ރަށްރަށަށް މުދާ ފޮނުވައިދޭން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް ކޮވިޑް ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު(އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެސްޓީއޯއިން މާލޭ ސަރަހައްދުގެ ފިހާރަތަކުގެ އިތުރުން ރަށްރަށަށް ފޮނުވުމަށް ގިނަ އަދަދެއްގެ މުދާ ތަންތަނަށް ގެންގޮސްދީފައިވާ ކަމަށެވެ. އެގޮތުން އިއްޔެ 201 ޑެލިވަރީއެއް ހަދާފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މާލޭގެ ފިހާރަތަކަށް 2450 ބަސްތާ ހަނޑޫ، 1289 ބަސްތާ ފުށް އަދި 949 ބަސްތާ ހަކުރު އެސްޓީއޯއިން ވަނީ އިއްޔެ ޑެލިވާކޮށްދީފައެވެ.
"އެ ބޭފުޅުންގެ އޭޖެންޓުން، ރަށްރަށަށް ދާ ބޯޓުތަކަށް 38 ބޯޓަކަށް އެ ބޭފުޅުން ވަނީ ޑެލިވަރީ ހަދާފައި ހަމަ އިއްޔެގެ ވަގުތުތަކުގައި، މީގެ ތެރޭގައި ހިމެނޭ 2900 ބަސްތާ ހަނޑޫ، 2084 ބަސްތާ ފުށް 2004 ބަސްތާ ހަކުރު. އެތަކެތިވެސް ވަނީ ޑެލިވަރީކޮށްފައި" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއާއި އެމްޕީއެލް ގުޅިގެން ރަށްރަށަށް މުދާ ފޮނުވައިދޭން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ރަށްރަށަށް މުދާ ފޮނުވޭނެ އަވަސް ގޮތްތަކެއް އެސްޓީއޯއާއި އެމްޕީއެލް ގުޅިގެން އުފައްދާފައިވާ އައިސީޕީން ހަމަޖައްސައިދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ލޮކްޑައުން ކޮމިޓީއެއް އޮވޭ މި ހާލަތުގައި މުދާ ތަންތަނަށް ގެންގޮސްދިނުމާ ގުޅޭގޮތުން. މިގޮތުން އެމްޕީއެލްއާ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އިތުރު އައިސީޕީއެއް ހަދައި ނޯތު ހާބަރު އޭރިއާގައި އެބޭފުޅުން އެބަ ހަރަކާތްތެރިވަމުންދޭ ރަށްރަށުން އައިސްފައިވާ ދޯނިތަކަށް ފަސޭހަކަމާއެކު ކޮންމެހެން އަރުވަން ޖެހޭ މުދާ އެރުވޭނެ ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށާއި އަދި ރަށްރަށުގައި ދަތިވާތަކެތި އެރަށްރަށަށް ފޮނުވައިދެވޭނެ އަވަސް ގޮތްތައް ރޭވުމަށް،” މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، މިއަދުވެސް އެސްޓީއޯއިން މާލޭގައި ހުރި ފިހާރަތަކަށާއި، ރަށްރަށަށް ފުރާ ބޯޓުތަކަށް މުދާ ޑެލިވާކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުގެ މިހާތަނަށް 26 ޑެލިވަރީއެއް ކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.