މޯލްޑިވިއަން

ޓްރިވެންޑުރަމުން 12.5 ޓަނުގެ މުދާ ރާއްޖެ ގެނެސްފި

އިންޑިއާގެ ޓްރިވެންޑުރަމުން 12.5 ޓަނުގެ މުދާ ހިފައިގެން މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވިއަނުން ބުނީ، ޓްރިވެންޑުރަމުން 11357 ކިލޯގެ މުދާ ހިފައިގެން އެ އެއާލައިންގެ ކާގޯ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ކަމަށާއި އެ ޝިޕްމަންޓުގައި ހިމެނެނީ ތަރުކާރީ އާއި މޭވާ ކަމަށެވެ. އަދި އިތުރު މުދާ ޝިޕްމަންޓެއް މިރޭ ޗެންނާއީން ރާއްޖެ ގެންނާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

ރާއްޖެއަށް ގެންނަންޖެހޭ ކާގޯ މިހާރު ގެންނަމުން އަންނަނީ މޯލްޑިވިއަނުންނެވެ. އެއީ ކޮވިޑް 19އާ ގުޅިގެން އާންމު އުސޫލުން މުދާ ގެނައުމުގައި ދަތިތަކެއް ދިމާވާން ފެށުމުންނެވެ.

އެގޮތުން މޯލްޑިވިއަނުން އަންނަނީ ބެންކޮކްގެ އިތުރުން ދުބާއީ، ކޮލޮމްބޯ، ޓްރިވެންޑްރަމް އަދި ޗެންނާއީއަށް ވެސް ޝެޑިއުލް ކާގޯ ދަތުރުތަކެއް ކޮންމެ ހަފުތާއަކު ވެސް ކުރަމުންނެވެ.