އިބްރާހިމް ޒަކީ
ކޮވިޑް 19 ގެ ސަބަބުުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން ގިނަ ކަންތައްތަކަށް ހަރަދުުރުމަށް، އެމްއެމްއޭއިން ދައުލަތަށް ދިގު މުއްދަތަށް ލޯނު ނެގޭ ގޮތް ހެދުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން އެއް އަހަރަށް ފަސްކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެކަމަށްޓަކައި ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރު ދުވަހަށް ފަސްކޮށްދިނުމަށެވެ.
އެކަމަށް އެދި ފިނޭންސް މިނިސްޓަރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ލިޔުމުގައި ވަނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކޮށްފައިވާ އަސަރާ ގުޅިގެން ދައުލަތުން ދޭ ހިދުމަތްތައް ހުއްޓުމެއް ނައިސް ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ ކޭޝްފްލޯ ހޯދައި މެނޭޖް ކުރުމަށް ދައުލަތުގެ މާލިއްޔަތުގެ އެކައުންޓް ކަމުގައިވާ ޕަބްލިކް އެކައުންޓުން އޯވާޑްރޯ ކުރެވޭ ލިމިޓް މަތިކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވާޑްރޯ ކުރެވޭ ގޮތަށް ހަމަޖައްސައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އެއީ ދައުލަތުގެ އެވެރެޖް އާމްދަނީގެ 20 ޕަސެންޓެވެ.
އެ ލިޔުމުގައި މިނިސްޓަރު ވިދާޅުވެފައިވަނި، އެކަމުގެ ސަބަބުން އިގުތިސާދީ ނޭދެވޭ ބަދަލުތައް މަދުވާނެ ކަމަށެވެ.
އެކަމަކީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައިވުމާއި ރާއްޖޭގެ އިގުތިސާދުގެ އެގްރިގޭޓް ޑިމާންޑް ދަށްވުމުގެ އިތުރުން ބޭރުގެ ދަތުރުފަތުރު މަދުވުމާއި ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ބޭރު ފައިސާގެ ޑިމާންޑަށް ވެސް އެކަމުގެ ސަބަބުން އިތުރުވުމެއް އަންނާނެ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން މަހަށް ސިއްހީ ހިދުމަތަށާއި އިގުތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ މިންވަރު ކަށަވަރު ކުރުމަށް ދައުލަތް ހިންގަން އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.