އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއުއަށް ނުކިޔަމަންތެރިވާ މީހުންނާމެދު މެދު ފިޔަވަޅުއަޅަން ނިންމައި 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ބުނީ، ކޮވިޑް 19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށި ކޮވިޑް 19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލު ކޮށް، ރައްކާތެރިވުމުގެ ގޮތުން އިއްޔެ މެންދުރުން ފެށިގެން، ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު ހިންގާފައި ވާކަން އިއުލާންކޮށް އެކަން އަންގާފައިވާ ކަމަށެވެ.
އެކަން ކޮށްފައިވަނީ، ލޯކަލް ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް 19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިއާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖުތިމާއި ގައިދުރުކަން ގާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދެއްވާފައިވާ ބާރުގެ ދަށުން ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
މީގެ އިތުރުން ކާފިއު އިއުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށާއި، އެންގުމާއި ހިލާފުވާ މީހުންނާމެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ފިޔަވަޅު އަޅަން ނިންމީކަމަށްވެސް ބުނެފައިވެއެވެ.
މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސް ކުރާ ކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެރިވާ ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހަކު އެރަށުގައި މަޑު ކުރުމުގެ އިތުރުން، އެރަށުގެ ބަޔަކު އެމީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާތީ ހދ. ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފައި ވަނީ އިއްޔެއިން ފެށިގެން މިމަހުުގެ 24 ގެ ނިޔަލަށެވެ.