ކޮވިޑް 19ގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ޓެސްޓްތައް މާދަމާ ފަށާނެ ކަމަށް އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.
ލަންޑަނުގައި ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ހެންކޮކް ރޭ ވިދާޅުވީ، ކޮވިޑް 19އަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް އިނގިރޭސިވިލާތުން ހަރަދުކުރަމުން އަންނަ ކަމަށެވެ. ވެކްސިނެއް އުފެއްދުމަށް އޮކްސްފޯޑާއި އިމްޕީރިއަލް ކޮލެޖުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނައިރު ވެކްސިން އުފެއްދުމަށް އޮކްސްފޯޑް ޓީމުގެ ކްލިނިކަލް ޓްރަޔަލްސް އަށް އިނގިރޭސި ސަރުކާރުން 20 މިލިއަން ޕައުންޑް ހަރަދުކުރާނެ ކަމަށްވެސް ހެންކޮކް ވިދާޅުވިއެވެ.
ކޮވިޑަށް ފަރުވާ ދެވޭނެ ވެކްސިނެއް އޮކްސްފޯޑު ޔުނިވާސިޓީން އުފައްދާފައިވާއިރު، އެ ޔުނިވާސިޓީގެ ސައިންސްވެރިން އުފެއްދި ވެކްސިނަކީ ކޮވިޑް 19 އަށް ޝިފާއަކަށް ވާނެ ކަމުގެ 80 އިންސައްތަ ފުރުސަތެއް މިހާރު ވެސް އޮތް ވެކްސިނެއްކަމުގައި އެ ޔުނިވާސިޓީގެ ޕްރޮފެސަރުން ވިދާޅުވެއެވެ.
އޮކްސްފޯޑް ޔުނިވަސިޓީން އަމާޒު ހިފާފައި ވަނީ ވެކްސިންގެ ޓެސްޓުތައް ނިންމައި ސެޕްޓެމްބަރު މަސް ފެށެން ވާއިރަށް އެއް މިލިއަން ޑޯސް ވެކްސިން އުފައްދާށެވެ.
އޮކްސްފޯޑުން 500 ވޮލަންޓިއަރުން ބޭނުން ކޮށްގެން ވެކްސިން ޓެސްޓް ކުރާނެއެވެ.
އިމްޕީރިއަލް ކޮލެޖުން ކޮވިޑް 19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެބްރުއަރީ މަހުން ފެށިގެން ކުރަމުން އަންނައިރު އަންނަ ޖޫން މަހު އެވެކްސިން ވެސް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށާނެ ކަމަށް އެ ކޮލެޖުގެ ޕްރޮފެސަރުން ވިދާޅުވެއެވެ.
ސައިންސްވެރިން ކުރިން ބުނަމުން އައީ އެކި މަރުހަލާތަކަށް ފަހު ކޮރޯނާވައިރަހުގެ ވެކްސިނެއް ލިބޭވަރު ވާނީ 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްގައި ކަމަށެވެ.