ކުއްލި ޚަބަރު

އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 66 އަށް

އިތުރު ދެ ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 66 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ފުލޫ ކުލިކުން ނެގި ދެ ދިވެއްސެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 66 އަށް އަރާފައިވާ ކަމަށާއި އެ ދެ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެެއެވެ. އެ ދެމީހުންނަށް ބަލި ޖެހިފައިވަނީ ކާކުގެ ފަރާތުން ކަމެއް އެޗްޕީއޭ އިން ބުނެފައެއް ނުވެއެވެ.

އިތުރު ދެ މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 17އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 84 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 16 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން އަންނަނީ 68 މީހަކަށެވެ.