ކުއްލި ޚަބަރު

ލޯ ޕީކަށް ދާން ތިން މަހެއްހާ ދުވަސް ނަގައިފާނެ: ޑރ. އަފްޒަލް

އަލީ ޔާމިން

ލޯ ޕީކަށް ދާން ތިން މަހެއްހާ ދުވަސް ނަގައިފާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކަށް ބަލާއިރު، އިތުރު ފިޔަވަޅުތައް އަޅައިފިނަމަ ލޯ ޕީކަށް ދާން ތިން މަހެއްހާ ދުވަސް ނަގާފާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮޖެކްޝަނަށް ބަލައިފިކަމަށް ވަންޏާ ވީއާ ލުކިން އެޓްލީސްޓް ތިން މަސް ދުވަހަށް އެއީ އަދި ވަރަށް ޕޮޒިޓިވްކޮށް ބަލާއިރުގައި. އެ ވާގޮތަކީ އަޅުގަނޑުމެން ޕީކް އަދި ލޯ ޕީކަކަށް އެއިމްކޮށްގެން ލޯ ޕީކެއް ގެނައިކަމުގައިވިނަމަވެސް ލޯޕީކެއް ގެނައުމުގެ އެއްކަމެއް މިއީ ލޯ ޕީކާއެކުގައި އެ ކޭސެސް ދެމިގެންދާ މުއްދަތު އިތުރުވެގެން ދިއުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކޮށްފައިވަނީ ކޮވިޑް 19ގެ ހާލަތު 15 ނުވަތަ 21 ދުވަހުގެ ތެރޭގައި ޕީކަށް ދާނެ ކަމަށެވެ. ނަމަވެސް މާލެ ލޮކްޑައުން ކުރުމާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެގޮތުން ފަހުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން މަދުކަން ފާހަގަކުރެއްވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި އެޗްޕީއޭ އިން އަޅައިފައިވާ ފިޔަވަޅުތަކަށް ކަމޭހިތައިފިނަމަ ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރެވި، ބަލި ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.