ކުއްލި ޚަބަރު

މަސްވެރީންނަށް އަދި މުދާބަލައި މާލެ އަންނަން ދީފައިވާ ހުއްދަ ބޭނުންކޮށްގެން ދަތުރުކުރަން ބަޔަކު މަސައްކަތްކުރޭ: ފުލުހުން

އަލީ ޔާމިން

މަސްވެރީންނަށް އަދި މުދާބަލައި މާލެ އަންނަން ދީފައިވާ ހުއްދަ ބޭނުންކޮށްގެން ދަތުރުކުރަން ބަޔަކު މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ރަށްރަށުން މާލެއަށް ޒަރޫރީ ބޭނުންތަކުގައި މުދާ ބަލާ އައުމުގެ ހުއްދަ އާއި މަސްވެރިންނަށްވެސް މަސް ބޭނުމަށް ފަހު އެނބުރި ދިއުމަށް ހުއްދަދެވިފައިވާއިރު ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒް ފައިދާ ނަގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ރަށްރަށުން މާލެއަށް ޒަރޫރީ ބޭނުންތަކުގައި މުދާ ބަލާ އައުމުގެ ހުއްދަ މިއޮތީ ލިބިފައި. އަދި މަސްވެރިންވެސް އެރަށަށް އެނބުރި އައުމަށް މިއޮތީ ހުއްދައެއް ދެވިފައި. އެކަމަކުވެސް ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒު ފައިސާ އެބަ ނަންގަވާ. އެ ބޭފުޅުން ދަތުރުކުރުމަށްޓަކައި ކުރަން ޖެހޭ ދަތުރުކުރުމަށް މަސައްކަތް ކުރާކަންވެސް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި." ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ، ރަށްރަށް ސަލާމަތާއި ރައްކާތެރިކަމާއެކު އޮންނާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށް ބޯލަބައި ކިޔަމަންވެގެން ކަމަށެވެ.

މީގެ އިތުރުން މުދާ ބަލާ އަންނަ އޮޑިދޯނިފަހަރުން އެއްވެސް ފަޅުވެރިޔަކު ފޭބުމަކީ މަނާކަމެއް ކަމަށާއި ކިތަންމެ ޒަރޫރީވެގެންވިޔަސް އެ އޮޑިދޯނިފަހަރުން އެއްވެސް މީހަކަށް އަނބުރާ މާލެއަށް ނުވަތަ ރަށަށް ނުދެވޭނެ ކަމަށެވެ.

ނަވީން ވަނީ މާލެއަށް އަންނަ އޮޑިދޯނިފަހަރުތައް ދެނެގަތުމުގައި ރަށްރަށުގައި ހަރަކާތްތެރިވާ ޓާސްކް ފޯސްގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.