މިދުވަސްކޮޅު ދަތިތައް ހުންނާނެ ކަމަށާއި ކެތްތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ވަކި ގަޑިއެއްގައި ކޮންމެ ގެއަކުން ވެސް އެކަކަށް ފިހާރަތަކަށް ދެވޭ ގޮތަށް މިހާރު ކަނޑައަޅައިފައިވާއިރު، އެގޮތަށް ދެވޭ މީހުންނަށް ސްލޮޓްތައް ދިނުމަށް ފުލުހުން އުފައްދާފައިވާ ޕޯޓަލްގައި ވެސް ބައެއް މައްސަލަތަކެއް އުޅޭ ކަމަށާއި އެކަކުގެ ސަބަބުން ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިވާ ކަމަށެވެ.
"ފުރަތަމަ ދުވަސްވަރުވީމަ ޕޯޓަލުން ހިދުމަތް ދިނުމުގައި ވެސް އެބައުޅޭ ކުދި ކުދި މައްސަލަ ތަކެއް. މިސާލަކަށް ބޭނުންފުޅުވާ އެޑްރެސް ނުވަތަ އުޅޭ ފްލޯ ރަޖިސްޓްރީގައި ނީންނަ މައްސަލަ. އެ މައްސަލަތައް މިދަނީ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން،" ނަވީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ސްލޮޓްތައް ދޫކުރާނީ ހެނދުނު 9:00 އިން ރޭގަނޑު 12:00 އަަށް ކަމަށާއި ފުލުހުން ލަފާކޮށްފައިވާ ގޮތުން މާލޭގެ ގެތަކުން މީހުން ފިހާރަތަކަށް ނުކުންނައިރު އެއްވަގުތެއްގައި މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނީ 624 މީހުން ކަމަށެވެ. އަދި ފިހާރަތަކަށް ދިއުމުގެ ހުއްދަ ހުރިހާ ފަރާތްތަކަށް ނުދެވުނު ކަމުގައިވިޔަސް މިއީ ކެތްތެރިކަން އިސްކުރަންޖެހޭ ވަގުތުކަމަށް ވިދާޅުވިއެވެ.
"ދެން މިކަމަކީ ވަރަށް ކެތްތެރިވެގެން އަޅުގަނޑުމެންނަށް މިދުވަސްކޮޅު އުޅެން ޖެހޭނެ ދުވަސްކޮޅެއް. ސަބަބަކީ މާލެއަކީ ވަރަށް ގިނަ ރައްޔިތުންތަކެއް އިމާރާތްތަކުގެ ތެރޭގައި އުޅޭ ތަނަކަށްވީމައާއި އެއްކޮށް މި ޕާމިޓް ލިބުނީމަ އެ ފަރާތްތަކުން މިހަމަ ކެތްތެރިކަމާއެކު އެ ދެވިފައިވާ ޒޯނުގައި މަސައްކަތް ކުރެއްވުން." ނަވީން ވިދާޅުވިއެވެ.