ކުއްލި ޚަބަރު

ކޭސް 76، 77 އަދި 78 އާ ގުޅޭ ކޮންޓެކްޓުން ތިބި ބޮޑު ދެ ހަބު ވަނީ ފެނިފައި: ޑރ. އަފްޒަލް

ކޭސް 76، 77 އަދި 78 އާ ގުޅޭ ކޮންޓެކްޓުން ތިބި ބޮޑު ދެ ހަބު ފެނިފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިޓިވްވި 76، 77 އަދި 78 ވަނަ މީހާއާ ގުޅުންހުރި ބޮޑު ދެ ހަބެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ ދެހަބްގައި 50 މީހުންނާއި 640 އާދެމެދުގެ އަދަދަކަށް މީހުން އުޅޭ ކަމަށެވެ. އެހެންކަމުން މިއީ ބޮޑު ކޮންޓެކްޓު ހަބަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކޭސް 76، 77 އަދި 78 އަކީ ގަވާއިދާ ހިލާފަށް އުޅެމުންދާތީ އަނބުރާ ގައުމަށް ފޮނުވާލުމަށް މިއަދު ހަމަޖެހިފައިވާ ތިން ބަންގުލަދޭޝް މީހުންނެވެ. ނަމަވެސް އެމީހުން ފޮނުވާލުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާއިން އެ ތިން މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ތިން މީހުން މިހާރު ބައިތިއްބާފައި ތިބީ ތާޖުއްދީން ސުކޫލްގައެވެ.

މިއަދު ފެނުނު އެހެން ކޭސްތަކާ ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގައި މިހާތަނަށް ފާހަގަކުރެވިފައިވާ އަދަދުތައް ހިއްސާ ކުރައްވަމުން ޑޮކްޓަރު ވިދާޅުވީ ކޭސް 68 (ބަންގުލަދޭޝް މީހެއް) ކޮންޓެކްޓްވި އަށް މީހަކާއި ޕޮޒިޓިވްވި އެމްއެންޑީއެފްގެ މުވައްޒަފާ (ކޭސް 69) ގުޅިގެން 41 ކޮންޓެކްޓެއް ފާހަގަކުރެއްވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޭސް 70، 71، 72އާ ގުޅިގެން 34 މީހަކު ފާހަގަކުރެވިފައިވާއިރު 73 ވަނައަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ކޭސް 79އާ ކޮންޓެކްޓްވި 31 މީހަކާއި ކޭސް 80 އާ ކޮންޓެކްޓްވި 14 މީހަކާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11ގައި ފަރުވާ ދެމުންދާ 80 އަހަރުގެ މީހާ (ކޭސް 81)އާ ކޮންޓެކްޓްވި 20 މީހަކާއި ކޭސް 83އާ ކޮންޓެކްވި 15 މީހެއްގެ އިތުރުން ކޭސް 84 ކޮންޓެކްޓްވި ހަތަރު މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.