އަލީ ޔާމިން
ދިރިއުޅޭނެ ތަނެއް ނެތިގެން މަގުމަތީން ނެގި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، މާލެ ލޮކްޑައުންކުރުމަށް ފަހު މަގުމަތީގައި އުޅުނު މީހުންގެ ތެރެއިން ދިރިއުޅޭނެ އެއްވެސް ތަނެއް ނެތިފައިވާ 43 ފިރިހެނަކާއި އަންހެނަކު މަގުމަތިން ނަގައި އެމީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި ކާބޯތަކެތި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"71 ބަންގްލަދޭޝް މީހުންވެސް ވަނީ މަގުމަތީގައި އުޅެނިކޮށް ހަމަ ނަގައިގެން މާލޭގައި ހުރި ފެސިލިޓީއަކަށް ގެންގޮސްފައި. އަދި އެއްވެސް ދިރިއުޅޭނެ ތަނެއް ނެތިގެން ނެގިފައިވާ 43 ފިރިހެނަކާ އެއް އަންހެނެއްވެސް ވަނީ މަގުމަތިން މި ނެގިފައި، އަދި އެފަރާތްތަކަށްވެސް މިދަނީ ކާބޯތަކެއްޗާއި އެއްޗެހި ގުޅިފައިވާ ހުރިހާ ސްޓޭކްހޯލްޑާސްގެ ފަރާތުން އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދެމުން،" ނަވީން ވިދާޅުވިއެވެ.
މީގެ އިތުރުން ނަވީން ވިދާޅުވީ، މާލެ ލޮކްޑައުންކުރުމަށް ފަހު މިއަދާ ހަމައަށް 209 މީހަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަދު އެކަނިވެސް މަގުމަތީގައި އުޅުނު 28 މީހަކު ޖޫރިމަނާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޖޫރިމަނާކުރުމަށް ފަހުވެސް މަގުމަތީގައި އުޅުނު ހަތަރު މީހަކު ވަނީ ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި ގިނަ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބުނު ނަމަވެސް މަދު ބައެއްގެ ފަރާތުން ވަރަށް ހިތާމަވެރި ކަންކަން ފެންނަމުންދާ ކަމަށެވެ. އަދި އެމީހުންގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.