ކުއްލި ޚަބަރު

މުދާ ޑެލިވަރީ ކުރުމުގެ ނަމުގައި އޮޅުވާލައި ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކު އެބަ އުޅޭ: ފުލުހުން

އަލީ ޔާމިން

މުދާ ޑެލިވަރީ ކުރުމުގެ ނަމުގައި އޮޅުވާލައި ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކު އެބަ އުޅޭ ކަމަށް ފުލުހުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އެއްޗެހި އޯޑަރުކުރުމުން އެ އެއްޗެހި ނުލިބޭ ކަމުގެ ޝަކުވާ އެ ސާވިސްއަށް ލިބެމުން އަންނަ ކަމަށެވެ.

"އެއްޗެހި އޯޑަރު ކުރީމަ އެ އެއްޗެހި ނުލިބިގެން އަޅުގަނޑުމެންނަށް ރިޕޯޓުތައް އެބަ އާދޭ. އަދި އެއްޗެހި އޯޑަރު ކުރާއިރު ބައެއް އެއްޗެހި މަދުވާކަމުގެ ޝަކުވާވެސް އެބަ އާދޭ. މީ ހަމަ ބައެއް ޑެލިވަރީ ކުރާ ނަންބަރުތަކަށް ގުޅީމަ،" ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ 2111 އަށް ގުޅައި އެކަން ރިޕޯޓް ކުރުން އެދޭ ކަމަށެވެ.

މީގެ އިތުރުން ޑެލިވަރީއަށް ފައިސާ ދައްކާއިރު، އެއީ ކޮންތަަނަކުން ގެންނަ ޑެލިވަރީއެއްކަން ސާފުނުކޮށް އެއްވެސް ފައިސާއެއް ނުދެއްކުމަށް ނަވީން ވަނީ އިލްތިމާސްކުރައްވައިފައެވެ.

ކޮވިޑް 19ގެ ފެތުރޭތީ މާލެ ލޮކްޑައުންކޮށްފައިވާއިރު ޑެލިވަރީގެ ހިދުމަތަށް ވަނީ ޑިމާންޑް ބޮޑުވެފައެވެ. އެގޮތުން މިފަދަ ހައްސާސް ދަނޑިވަޅެއްގައިވެސް ބައެއް ފަރާތްތަކުން ޑެލިވާކޮށްދިނުމުގެ ނަމުގައި ރައްޔިތުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.