ރާއްޖޭގެ ކޮންމެ ތަނެއްގައި ތިއްބަސް ނަފުސާނީ އެހީ ލިބޭނެ އިންތިޒާމު ހަފުތާއެއް ތެރޭ ހަމަޖެހޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މޯލްޑިވިއަން ރެޑް ކްރެސެންޓުން ކުރާ އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެ ފަރާތުން މަސައްކަތްކޮށްފައިވަނީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނަށް ނަފުސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.
"މިހާރު ކުރައްވަމުންގެންދަވާ މަސައްކަތަކީ އެބޭފުޅުން ކުރައްވާ މަސައްކަތް ވާޗުއަލް، މާނައަކީ އޮންލައިން ސިސްޓަމަކަށް ބަދަލުކޮށް އިތުރު ވޮލަންޓިއަރުން ގޭގައި ތިބެގެން މަސައްކަތްކުރެވޭ އިންތިޒާމުތަކެއް ހެދުމަށްފަހުގައި މި ހަފުތާގެ ތެރޭގައި ރާއްޖޭގެ ކޮންމެ ތަނަކުންވެސް އައިސޮލޭޝަން ނުވަތަ ކަރަންޓީނުގައި ހުންނަ މީހަކަށް ސައިކޯ ސޯޝަލް ސަޕޯޓު ދެވޭ ފަދަ އިންތިޒާމުތަކެއް ރޭވުމަށް ކަމަށް ރެޑް ކްރެސެންޓުގެ ފަރާތުން މައުލޫމާތުދެއްވާ،" އޭނާ ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މަގުމަތިވެފައިވާ 87 މީހަކަށް އެ މިނިސްޓްރީން ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 25 މީހަކު ވަކި ތަނަކަށް ގެންދެވި، ރިހެބިލިޓޭޝަނުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ގުޅިގެން މިވަގުތު މަގުމަތިވެފައިވާ އެންމެންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.