ކުއްލި ޚަބަރު

ކޮވިޑުގެ ރައްކާތެރިކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ހިފައިގެން ބަންގްލަދޭޝް ބޯޓު އައިސްފި، މާދަން ތަކެތި ބާލާނެ

ކޮވިޑުގެ ރައްކާތެރިކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ހިފައިގެން ބަންގްލަދޭޝް ބޯޓު އައިސްފައިވާ ކަމަށާއި މާދަން ތަކެތި ބާލާނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އެ ބޯޓުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ)ގެ 20،000 ސެޓު ގެނެސްފައި ހުރި ކަމަށެވެ.

"ރާއްޖޭގައި ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް، ޕީޕީއީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބަންގުލަދޭޝުން އައި ބޯޓު މާދަމާ ރާއްޖެއަށް ތަކެތި ބާލާނެ. މީގައި 20،000 ސެޓު ޕީޕީއީ ހުންނާނެ. އަދި އައި ޕްރޮޓެކްޝަން ގޮގުލްސް 960 ހުންނާނެ. އަދި ހޭންޑް ސެނިޓައިޒާ 5000 ޕީސް މީގެ ތެރޭގައި އެބަހުރި. މީގެ އިތުރުން ބަލިތަކަށް ބޭނުންވާ ބޭހާއި ކާނާގެ ބާވަތްތައް އަދި ތަރުކާރީގެ ބާވަތްތައް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިވަގުތު ރާއްޖޭގައި ކޮވިޑް 19ގެ ޓެސްޓުތައް ހެދުމަށް 3050 ކިޓު އެބަހުރި ކަމަށާއި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ރާއްޖެއަށް 5000 ކިޓު ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.