ޑޮކްޓަރުކަން ކިޔަވާ 78 ކުދީން ކަރަންޓީނު ނިމި ހިދުމަތުގައި މިހާރު ހަރަކާތެރިވަމުން އަންނަ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މިވަގުތު ކަރަންޓީނު ފެސިލިޓީތަކުން ކަރަންޓީނު ނިންމުމަށްފަހު 78 މެޑިކަލް ދަރިވަރުން ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލާފައިވާ ކަމަށެވެ.
"މީގެ ތެރެއިން ގިނަ އަދަދެއްގެ ބޭފުޅުން މިހާރުވެސް އަޅުގަނޑުމެންނާ އެކީގައި އައިޖީއެމްއެޗްގައި އަދި މެޑިކަލް ކްލަސްޓާގައި އެންއީއޯސީ ތެރޭގައި މަސައްކަތްކުރަމުން އެބަދޭ. މި ކުދިންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށްއެބަދޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާރު ވެސް 46 މެޑިކަލް ދަރިވަރުން ކަރަންޓީނުގައި އެބަތިބި ކަމަށާއި އެއީ އިއްޔެ ބަންގުލަދޭޝުންނާއި ނޭޕާލުން އައިސްފައިވާ ކުދިން ކަމަށެވެ.
ބަންގުލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި އިއްޔެ އައި އެ ދަރިވަރުންގެ އިތުރުން ބަންގުލަދޭޝްގެ ދިހަ މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް ވަނީ ރާއްޖެ އައިސްފައެވެ. އެމީހުން ވެސް ރާއްޖޭގެ ސިއްހީ މާހިރުންނާއެކު ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވާނެ ކަމަށް ސަރުކާރުން ބުނެއެވެ.