އިތުރު ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 84އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާއަކީ ކުރިން ޕޮޒިޓިވްވި ކޭސް 53އާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ.
އެމީހާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓު ޕޮޒިޓިވްވެފައިވާ ކަމަށާއި އެހެންކަމުން އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
"މިއަދު މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެއްސެއް (ކޭސް:52)ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެއްޖެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން." އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.
ކޭސް 52އަކީ މާލެއިން ހއ. އުލިގަމަށް ދިޔަ ފަހުން ޕޮޒިޓިވްވި މީހާއެވެ. އޭނާއަށް ބަލި ޖެހިފައިވަނީ ކާކުގެ ފަރާތުން ކަމެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.
މިއަދު އެކަނިވެސް މާލެއިން މިވަނީ 15 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހެކެވެ. މިހާތަނަށް މާލެއިން 64 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.