މުހައްމަދު އައުޒަމް
އިސްރާއީލުގައި އިޖުތިމާއީ ގައިދުރުކަމުގައި ތިބެ ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
އިސްރާއީލުގެ ވެރިރަށް ތެލްއަވީވް ގައި ކުރިޔަށްދިޔަ މި މުޒާހަރާ އިންތިޒާމް ކުރި އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާ ކުރާ މީހުންގެ ސަލާމަތަށްޓަކައި ގައިދުރުކަން ބެހެއްޓުމަށް ބިންމަތީގައި 2800 ފާހަގަ ޖަހާފައެވެ. ނަމަވެސް މީގެ ދެގުނައަށް މީހުން އެއްވެފައިވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އެއްވި މީހުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރާ ދެކޮޅު ޕޯސްޓަރުތަކާއި ދިދަ ހިފައިގެން މުޒާހަރާ ކޮށްފައެވެ. އަދި އެގައުމުގެ ސިއްހީ ވުޒާރާއިން ދީފައިވާ ގައިޑްލައިނާ އެއްގޮތަށް މާސްކް އަޅައި އިޖުތިމާއީ ގައިދުރުކަމުގައި ތިބެ ކޮރޯނާ ފެތުރެމުން ދާ ދުވަސްވަރެއްގައިވެސް މުޒާހަރާ ކުރެވޭނެކަން ދައްކައިފައެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އިސްރާއީލުގެ ސިޔާސީ މައިދާން ހަލަބޮލިވެފައިވާއިރު އެގައުމުގެ ރައްޔިތުން އަންނަނީ ނަތަންޔާހޫ ގައުމު ހިންގަވާ ގޮތާމެދު ހިތްހަމަނުޖެހި އިސްތިއުފާއަށް ގޮވަމުންނެވެ. އަދި ކޮރަޕްޝަންގެ އެތަކެއް ތުހުމަތުތަކެއް ވެސް ނަތަންޔާހޫ އަށް ވަނީ ކޮށްފައެވެ.