ކުލި ނުދެއްކޭ ގިނަ ބަޔަކު ގެއިން ނެރެލާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި މިހާލަތުގައި މީހުން މަގުމަތި ނުކުރުމަށް، ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މާލޭގައި ގެދޮރު ކުއްޔަށް ދޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެގޮތަށް އެދިވަޑައިގަތީ، ކުލި ނުދެއްކިގެން ގެއިން ނެރެލި ދެ މީހަކަށް ސަރުކާރުން ވަގުތީ ހިޔާވަހިކަންދީ ބަލަހައްޓަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
އެފަދަ ގިނަ މައްސަލަތަކެއްގެ މައުލޫމާތު ލިބެމުން އަންނަކަން ފާހަގަކުރައްވާ މަބްރޫކު ވިދާޅުވީ، މިއީ އެންމެންނަށް ވެސް ދަތި ހާލަތްތަކެއް ކުރިމަތިވެފައިވާ ވަގުތެއް ކަމަށާއި ލޮކްޑައުންއެއްގައި އޮންނަ ހާލަތެއްގައި އެގޮތަށް މަގުމަތިވާން ދޫކޮށްނުލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ހާލަތުން އަރައިގަނެވޭނީ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މަބްރޫކު ވަނީ މިދުވަސްކޮޅު ކުއްޔަށް އުޅޭ މީހުން މަގުމަތިވިޔަ ނުދިނުމަށް ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ގެތަކުގެ ވެރިންގެ ކިބައިން އިލްތިމާސް ކުރައްވައިފައެވެ. އަދި ވިދާޅުވީ، މަގުމަތިވާ މީހުން ޖެންޑާ މިނިސްޓްރީގެ ނަންބަރު 1412 އަށް ގުޅުމުން ސަރުކާރުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"އިލްތިމާސަކީ އެއްވެސް ބޭފުޅަކު ގެއެއް ކުއްޔަށް ދެއްވައިގެން އުޅުއްވާ ބޭފުޅަކު ކުލި ނުދެއްކިގެން މިވަގުތު މީހަކު ގެއިން ބޭރަށް ނުނެރުން. މަގުމަތި ނުކުރުން،" މަބްރޫކު ވިދާޅުވިއެވެ.