ކޮވިޑް 19

މިއަދު ޕޮޒިޓިވް ވި ބަންގްލަދޭޝް މީހުންގެ ތެރޭން ތިން މީހަކު ބައިތިއްބާފައި ތިބީ ތާޖުއްދީންގައި: މަބްރޫކް

އަލީ ޔާމިން

މިއަދު ޕޮޒިޓިވް ވި ބަންގްލަދޭޝް މީހުންގެ ތެރޭން ތިން މީހަކު ބައިތިއްބާފައި ތިބީ ތާޖުއްދީން ސްކޫލުގައި ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝްގެ ތިން މީހުންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުންގެ ތެރެއިން އަނބުރާ ގައުމަށް ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ މީހުންގެ ތެރޭގައި ހިމެނޭ ތިން މީހުން ކަމަށެވެ.

އެ ތިން މީހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރުވާލުމުގެ ކުރިން ހެދި ސާމްޕަލްތަކުން ކަމަށާއި، އެ ތިން މީހުން މިހާރު ތިބީ ތާޖުއްދީން ސްކޫލްގައި ބޭތިއްބިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެ މީހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ފުރުވާލުމުގެ ކުރިން އަޅުގަނޑުމެން ހެދި ސާމްޕަލްތަކުން. މިހާރު އެމީހުން ތިބީ ތާޖުއްދީން ސްކޫލުގައި ބޭތިއްބިފައި،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު މިއަދު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. އެމީހުން އަނބުރާ ފޮނުވާލީ ބަންގްލަދޭޝް އާއި ނޭޕާލްގައި ތިބި ދިވެހިންތަކެއް އަނބުރާ ގައުމަށް ގެނައި ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައެވެ.

މާލެއިން މިއަދު އެކަނި ވެސް 17 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 83 އަށް އަރައިފައެވެ.