ކޮވިޑް 19

ކޮވިޑު ޖެހިގެން މިއަދު ދަރުމަަވަންތައިގައި އެޑްމިޓް ކުރި 80 އަހަރުގެ މީހާއަކީ ދިވެހި ފިރިހެނެއް: ޑރ. މޫސާ ހުސެއިން

އަލީ ޔާމިން

ކޮވިޑު ޖެހިގެން މިއަދު ދަރުމަަވަންތައިގައި އެޑްމިޓް ކުރި 80 އަހަރުގެ މީހާއަކީ ދިވެހި ފިރިހެނެއް ކަމަށް ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މޫސާ ވިދާޅުވީ 80 އަހަރު ޕޭޝަންޓް މިވަގުތު އެޑްމިޓްކޮށްފައި ވަނީ އައިޖީއެމްއެޗްގެ "ޑީއެޗް11" ގެ އައިސީޔޫގައި ކަމަށާއި އޭނާއަކީ ސްޓްރޯކެއް ޖެހިގެން ދެ އަހަރުވަންދެން އެނދުމަތިވެފައި ހުރި މީހެއް ކަމަށެވެ.

އޭގެ އިތުރުން ވެސް ގިނަ ބަލިތަކެއް އޭނާ ގައިގައި ހުރި ކަމަށާއި އޭގެ ތެރޭގައި ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް ވެސް އޭނާގެ ހުރި ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އޭގެ އިތުރުން ކާއެއްޗެހި ނޭވާހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހިގެން އޭނާ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހެއް ކަމަށް ވެސް ޑރ. މޫސާ ވިދާޅުވިއެވެ.

ޑރ. މޫސާ ވިދާޅުވީ، އައިޖީއެމްއެޗްގެ ޑީއެޗް 11ގައި އެޑްމިޓްކުރެވިގެން ފަރުވާދެމުން އަންނަ 80 އަހަރުގެ މީހާއަކީ ދިވެއްސެއް ކަމަށެވެ.

"ދިވެއްސެއް އެނގޭތޯ އެއީ. މިހާރު ފަރުވާ ދެމުން އަންނަނީ ޑީއެޗް11 ގައި ބާއްވައިގެން،" ޑރ. މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މޫސަ ވިދާޅުވީ އުމުރުން 80 އަހަރުގެ މީހާ އެޑްމިޓް ކުރިއިރު އޭނާގެ އޮކްސިޖަން ހުރީ 94 ޕަސަންޓުގައި ކަމަށާއި ނަމަވެސް އާދައިގެ މީހެއްގެ އޮކްސިޖަން ހުންނަން ޖެހޭނީ 98 ގައި ކަމަށެވެ. އެހެންކަމުން އެއީ އިންޒާރުގެ ނިޝާނެއް ކަމަށާއި ހާލަތު ގޯސްވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.