ކޮވިޑް 19

ސިއްހީ ހިދުމަތްތެރީން އަދި އެހީތެރީން ހިމެނޭ ގޮތުން 28 މީހަކު ވަނީ އައިސޮލޭޓް ކޮށްފައި: މަބްރޫކް

އަލީ ޔާމިން

ސިއްހީ ހިދުމަތްތެރީން އަދި އެހީތެރީން ހިމެނޭ ގޮތުން 28 މީހަކު އައިސޮލޭޓް ކޮށްފައިވާކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑް 19އާ ދެކޮޅަށް މަސައްކަތް ކުރާ މެޑިކަލް ސްޓާފުންގެ ތެރެއިން 20 މީހަކު އައިސޮލޭޓް ކުރެވިފައިވާ ކަމަށާއި މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުން ހިމެނޭ ގޮތަށް އަށް މީހަކު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

"މެޑިކަލް ސްޓާފުންގެ ތެރެއިން 20 މެޑިކަލް ސްޓާފެއް އައިސޮލޭޓް ކުރެވިފައި އެބަތިބި. އަދި މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުންނާ ހިމެނޭ ގޮތަށް އަށް މީހަކު ކަރަންޓީން ކުރެވިފައި އެބަތިބި،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ އިތުރުން އިމިގްރޭޝަނުން އައިސޮލޭޓް ކޮށްފައިވަނީ ކިތައް މީހުން ކަމެއް އަދި އެނގިފައި ނެތް ކަމަށާއި އެ އިދާރާތަކުން މީހަކު އައިސޮލޭޓްކޮށް ނުވަތަ ކަރަންޓީން ކުރެވިވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި 900 އަށްވުރެ ގިނަ ޑޮކްޓަރުންނާއި 2،000 އަށްވުރެ ގިނަ ނަރުހުން ތިބި އިރު އޭގެ ތެރެއިން 55 އިންސައްތަ ހާއްސަކޮށްފައިވަނީ ކޮވިޑް 19 އަށެވެ.

ކޮވިޑް 19 ފެތުރޭތީ މާލެ ލޮކްޑައުންކޮށްފައިވާއިރު ސިފައިންނާއި ފުލުހުން އަންނަނީ ރައްޔިތުންނަށް އެތަކެއް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ޑެލިވަރީގެ ކަންކަމުގައެވެ.