އަލީ ޔާމިން
އެސްޑީއެފްސީގެ ބައެއް ލޯނުތައް އެޕްރޫވް ކޮށްފައި ވާކަމަށާއި ހަފުތާއެއްގެ ތެރޭ ފައިސާ ދޫކުރަން ފަށާނެ ކަަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އިއުލާނުކުރި ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފް މެދުވެރިކޮށް ދޫކުރާ ބައެއް ލޯނުތައް އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި އެ އެޕްރޫވް ކުރެވުނު ލޯނުތަކަށް ހަފްތާއެއްގެ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އެސްޑީއެފްސް އިން ބައެއް ލޯނުތައް ވަނީ އެޕްރޫވް ކުރެވިފައި އެކަމަކު ފައިސާ ދޫކުރުން ހިނގާނީ މި ހަފްތާގެ ތެރޭގައި ކަމަށް ފިނޭންސް މިނިސްޓްރީން ދަންނަވަނީ." މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ވަޒީފާއިން ވަކި ކުރާ ފަރާތްތަކުގެ ތެރެއިން ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ދޭ އިނާޔަތްވެސް މި ހަފްތާގެ ތެރޭގައި ދޫކުރާނެ ކަމަށް ފިނޭންސުން އަންގާފައިވާ ކަމަށެވެ.
ކޮވިޑް 19ގެ ސަބަބުން ގެއްލުންވެފައިވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އަދި އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލައިފައެވެ.