ކޮވިޑް 19

ވިސްނުމަކީ ސިއްހީ ނިޒާމަށް ކަތާވަރަށް ބަލި ޖެހެމުން ގޮސް ކާވް ދަށްކުރެވޭނެ ގޮތެއް ވުން: ޑރ. މޫސާ ހުސެއިން

ވިސްނުމަކީ ސިއްހީ ނިޒާމަށް ކަތާވަރަށް ބަލި ޖެހެމުން ގޮސް ކާވް ދަށްކުރެވޭނެ ގޮތެއް ވުން ކަމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. މޫސަ ވިދާޅުވީ، ލޮކްޑައުންގެ ވިސްނުމަކީ ބަލިޖެހޭ މީހުންގެ ކާވް ދަށްކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭގެ އިތުރުން އިޖްތިމާއީ ގައިދުރުކުރުމާއި އަތްދޮވުންފަދަ ކަންކަން ގެންގުޅެންޖެހޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެއް މަސް ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެނަމަ، ރާއްޖޭގެ އަދި ދުނިޔޭގެ ކުރިއަރާފައިވާ އެއްވެސް ސިއްހީ ނިޒާމަކަށް ނުކަތާނެ ކަމަށާއި އެހެންކަމުން ވިސްނުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކަތާވަރަށް ބަލިޖެހޭ މީހުންގެ އަދަދު ހިފެހެއްޓި ކާވް ތިރިކުރުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މަޑުމަޑުން ތަންކޮޅެއް މަދުން ހެލްތު ސިސްޓަމަށް ކަތާވަރަށް ނުކަތާވަރަކަށް ނޫން، ކަތާވަރަށް އައިސްފިއްޔާ މެނޭޖްކުރެވެނީ. އެއީ ކާވް ދަށްކުރުމަކީ،" ޑރ. މޫސަ ވިދާޅުވިއެވެ.

އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވެސް ވިދާޅުވީ، ކޮވިޑް 19އަކީ އަދި ފަރުވާއެއް ހޯދިފައި ނެތް ބައްޔެއް ކަމުން ބަލަންޖެހޭނީ ދުވާލަކު ބަލި ޖެހެމުންދާ ނިސްބަތް މަދުކުރެވޭތޯ ކަމަށެވެ.