މުހައްމަދު ސިމާއު
މައުލޫމާތު ނުދީފިއްޔާ ނޫނީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ނަން އާންމުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ، މިވަގުތު ވެސް ޕޮޒިޓިވްވާ މީހުންގެ އުމުރާއި މަސައްކަތްކުރާ ތަނާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ ފިހާރަތަކާއި ގެއާއި އިމާރާތްތަކުގެ މައުލޫމާތު ވެސް ހާމަކުރަމުން އަންނަ ކަމަށެވެ.
މިވަގުތު ހާމަނުކުރާ މައުލޫމާތަކީ ހަމައެކަނި އެމީހެއް ނަން ކަމަށާއި އެހެންކަމުން ބޭނުންވާ މައުލޫމާތު ލިބޭކަމަށްވާނަމަ އިތުރު މައުލޫމާތެއް ހާމަކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑުމެން ބޭނުންވާ މައުލޫމާތު ލިބޭކަމަށް ވަންޔާމުން މިހާރު މި ހާމަކުރާ ވަރަށް ހާމަކޮށްގެން ކުރިއަށްދާން ވިސްނުމަކީ. ނަމަވެސް ކުރިން ދެންނެވި ކޮންޓެކްޓް ޓްރޭސިންގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އެއްބާރުލުން ނުދޭ ބޭފުޅުން އެކަމާހެދި އާންމު ރައްޔިތުންނަށް ނުރައްކަލަށްވާފަދަ ހިސާބަކަށް ގޮސްދާނެ ކަމަށް ފެނިއްޖެއްޔާ އެމީހާގެ ނަމާއި ފޮޓޯ ހާމަކުރާ ގޮތަށް ގަވާއިދުވެސް މިހާރު އޮތީ ހަދާ ނިމިފައި،" މަބްރޫކު ވިދާޅުވިއެވެ.
ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަކުރުމަށް އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައި އަމަލުކުރަން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. އެފަދަ ގަވާއިދެއް އެކުލަވާލާފައިވަނީ، މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، އެ ބަލި މުޖުތަމައު ތެރެއަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ކަނޑައަޅައި. މާލޭގެ އެލާޓް ލެވެލް ރަތަށް ބަދަލުކުރުމުންނެވެ.
އެ ގަވާއިދުގައި ބުނާގޮތުން ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި، ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.ބ
ނަމަވެސް އެ ގަވާއިދުގެ ދަށުން އޭނާއަށް ވަކި މީހަކީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހެއްކަން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއްކަން އެންގުމުގެ ގޮތުން އާންމުކޮށް ހާމަކުރެވޭނީ އެމީހެއްގެ ފުރިހަމަ ނަމާއި ގައުމީ ނިސްބަތާއި ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެހާއި ވަޒީފާ އަދާކުރާނަމަ ވަޒީފާ އަދާކުރާ ތަނާއި ފޮޓޯ އަދި ބަލީގެ ނަން ނުވަތަ ބާވަތް ކަމަށެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން މީހެއްގެ ނަން ހާމަކުރަންވާނީ އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި އެ މަގުސަދު ހާސިލުކުރެވޭ މިންވަރަށް އެކަންޏެވެ. އަދި ބައްޔެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާގޮތުގައި ބޮޑު ނުރައްކާތެރި ކަމެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނެމަ އެފަދަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާގެ ނަން ހާމަކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން މަރުވެފައިވާ މީހަކު މަރުވެފައިވަނީ، ނުރައްކާތެރި ބައްޔެއް ޖެހިގެން ކަމަށް އެ މީހެއްގެ މަރުގެ ސެޓިފިކެޓުގައި ބުނާނަމަ އަދި އޭނާއަށް ޖެހުނީ އެ ދުވަސްވަރެއްގައި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމަށްވާނަމަ، އެ މީހާގެ ނަން ހާމަ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި އިތުރުން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަރަންޓީނު ކުރުމަށް ނުވަތަ އެކަހެރިކުރުމަށް އަންގާފައިވާ މީހަކު އެ އެންގުމާ ހިލާފުވެއްޖެ ހާލަތެއްގައި އެ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ގަބޫލު ކުރެވޭނަމަވެސް، އެ މީހެއްގެ ނަން ހާމަ ކުރެވިދާނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ.