ކޮވިޑަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު އެޑްމިޓް ކުރި 80 އަހަރުގެ މީހާއަކީ ހަކުރު ބަލިވެސް އަދި އެނޫން ބަލިތައްވެސް ހުރި މީހެއް ކަމަށް ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ.
އުމުރުން 80 އަހަރުގެ އެމީހާ (ކޭސް 81) އަކީ މިއަދު ހެނދުނު މާލެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ނަމަވެސް އޭނާއަކީ އުމުރުން ދުވަސްވީ މީހަކަށް ވެފައި އަދި އެއީ ކޮވިޑް 19 އަށް ހައި ރިސްކު ގުރޫޕްގައި ހިމެނޭ ބައެއް ކަމުން އޭނާގެ ހާލަތު ގާތުން ބެލުމަށް ސިއްހީ އިދާރާތަކުން އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 އަށް ބަދަލުކޮށްފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕޭޝަންޓާ ގުޅޭ މައުލޫމާތު ދެއްވަމުން ޑރ. މޫސާ ވިދާޅުވީ، އެ ޕޭޝަންޓަކީ ސްޓްރޯކެއްގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތިވެފައި އޮތް މީހެއް ކަމަށާއި ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުންފަދަ ބަލިތައް ވެސް އޭނާގެ އެބަހުރި ކަމަށެވެ.
އޭގެ އިތުރުން އޭނާއަކީ ކާ އެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހިގެން އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ޕޭޝަންޓެއް ކަމަށާއި އަދި އާދައިގެ މީހެއްގެ އޮކްސިޖަން ލެވެލް 98 ގައި ހުންނަންޖެހޭއިރު އެ ޕޭޝަންޓް އެޑްމިޓް ކުރިއިރު އޮކްސިޖަން ލެވެލް ހުރީ 94 ގައި ކަމަށް ވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެއީ އިންޒާރުގެ ސިންގަލެއް ކަމަށާއި ހާލަތު ގޯސްވެދާނެ ކަމަށެވެ.
"80 އަހަރުގެ މީހަކަށް ވެފައި މިހާ ގިނަ އެކި ބަލިތައް ތަހައްމަލު ކުރަމުންދާ މީހަކަށްވާތީވެ މިކަހަލަ ބައްޔެއްގައި (ކޮވިޑް 19 ކަހަލަ) ވަރަށް ބޮޑަށް ދަށް ވެގެން ހިނގައިދޭނެ މީހަކަށް ކަމަށޭ ގޮތުގައި މި ބަލަނީ،" ޑޮކްޓަރު މޫސަ ވިދާޅުވިއެވެ.
މީގެ ކުރިން ކޮވިޑް 19 އަށް ޕޮޒިޓިވްވެ އެންމެ ހާލު ބޮޑުވި އިޓަލީގެ 80 އަހަރުގެ ޓޫރިސްޓަށް ވެސް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު މޫސަ އިތުރަށް ވިދާޅުވީ، ދުވަސްވީ މީހަކު ހުން އައުމާއި ކެއްސާ، މެޔަށް ތަދުވެ ނޭވާކުރުވާނަމަ އެޗްޕީއޭގެ އިރުޝާދު ނަގަންވާނެ ކަމަށެވެ.
އޭގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަކީ ދިފާއީ ނިޒާމު ވަރަށް ދަށް ބައެއް ކަމުން އެފަދަ މީހުން އަޅައިލާ މީހުން ވެސް ސާޖިކަލް ނުވަތަ ފޮތި މާސްކެއް ނަމަވެސް ބޭނުން ކުރަންވާނެ ކަމަށާއި އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މީހެއް ނަމަވެސް އެމީހާގެ ކައިރިއަށް ގިނަ މީހުން ނުގޮސް އެމީހުންނާ ވީހާވެސް ގައިދުރުކޮށްގެން އުޅުން މުހިންމު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.