ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށް ޑރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ބަލާއިރު ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން ބުރާސްފަތި ދުވަހު ފެނިފައިވަނީ ތިން ކޭސް ކަމަށާއި ހުކުރު ދުވަހު ހަތަރު ކޭސް، ހޮނިހިރު ދުވަހު ހަ ކޭސް، އާދިއްދަ ދުވަހު ނުވަ ކޭސް އަދި އިއްޔެ އާއި މިއަދު 17 ކޭސް ފެނިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި މިފަދަ ހާލަތްތަކުގައި އިތުރަށް ރަނގަޅުވުމުގެ ހާލަތަކަށް އަންނާނީ ޕީކަކަށް ގޮސްފައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް ބޮޑަށް ކެތްތެރިވާންވީ ދުވަސްވަރެއް ކަމަށެވެ. އަދި ވީހާވެސް ގިނައިން ގައިދުރުކަން ބެހެއްޓުމަށާއި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިނެއް ބެހެއްޓުމަށް ޑރ. އަފްޒަލް އިރުޝާދުދެއްވިއެވެ.
މީގެ އިތުރުން ހުއްދަ ލިބިގެން ކާބޯތަކެތި ގަތުމަށް ބޭރަށްދާ ފަރާތްތަކުންވެސް ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. އަފްޒަލް އެދިވަޑައިގެންނެވިއެވެ.. އަދި އެފަދައިން އަމަލު ނުކުރާ މީހުންނަށް އެކަން ހަނދާންކޮށްދިނުމަށް ޑރ. އަފްޒަލް އިރުޝާދު ދެއްވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ މިއީ އެންމެންގެ ރައްކާތެރި ކަމަށް ކުރާ ކަމެއް ކަމަށްވުމުން މިކަމުގައި އެންމެންގެ އެއްބާރުލުން މުހިއްމު ކަމަށެވެ.
މިއަދު ފެނުނު 17 ކޭސް އާއެކު މިހާރު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 83 އަށް އަރައިފައެވެ.