ކޮވިޑް 19

ކޮވިޑަށް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސިފައިގެން މީހަކު ހިމެނިއްޖެ

މަރިޔަމް ޝަހުދާ

ކޮވިޑަށް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސިފައިގެން މީހަކު ހިމެނޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭޝަންޓުންގެ މައުލޫމާތުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މާލެއިން ކޮވިޑް 19 އަށް ޕޮޒިޓީވްވި މީހުންގެ ތެރޭގައި ހިމެނޭ ކޭސް 69 އަކީ އެމްއެންޑީއެފް މީހެއް ކަމަށެވެ.

މިކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެމީހާއަށް ބަލި ޖެހުނު ގޮތް ބެލުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން އޭނާއަށް ބަލި ޖެހިފައިވަނީ ކިހިނެއްކަން، ނުވަތަ ކާކާ ބައްދަލުވެގެންކަން އެނގިގެން ދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މީގެ އިތުރުން މި މީހާ އެމްއެންޑީއެފްގައި މަސައްކަތް ކުރަނީ ފްރަންޓްލައިންގައިތޯ، ކޮން މަސައްކަތެއްގައިތޯ ބައިވެރިވީ އަދި ސާފު ނުވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ލިބުނުހާ އަވަހަކަށް އެކަން ހިއްސާ ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ޕްރޮޓެކްޓިވް އިކުއިޕްމަންޓް ލިބުނު އެންމެ ގިނައެއްކޮށް ގެނެސް، އެމީހުންނަށް އެފަދަ ޕްރޮޓެކްޓިވް އިކުއިޕްމަންޓުތައް ބޭނުންކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. އަދި ފްރަންޓްލައިން މަސައްކަތަށް ނުކުންނަ މީހުންނަށް ވަކި އެކޮމޮޑޭޝަންތަކެއް ހަމަޖައްސާފައިވާނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 83 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.