މުހައްމަދު އައުޒަމް
އިންޑިއާ ލޮކްޑައުން ކުރުމުން ހާލުގައިޖެހި ހޮހޮޅައެއްގައި ތިބި ފަތުރުވެރިންތަކެއް ސަލާމަތްކޮށްފިއެވެ.
އިންޑިއާގެ އުތުރު ރިޝިކޭޝް ސަރަހައްދުގައި އުޅުނު މި 6 ފަތުރުވެރިން ވަނީ ކޮރޯނާވައިރަސްގެ ސަބަބުން އިންޑިއާ ލޮކްޑައުން ކުރުމާއެކު ހާލުގައި ޖެހުމުގެ ސަބަބުން ހޮހޮޅަ އަކަށް ބަދަލު ވެފައެވެ.
ޔޫކްރޭން، އެމެރިކާ، ތުރުކީ އަދި ފްރާންސްގެ އިތުރުން ނޭޕާލަށް ނިސްބަތްވާ މި 6 ފަތުރުވެރިން ފުރަތަމަ ދިރިއުޅެމުން ގެންދިޔައީ އެއަވަށުގެ ހޮޓާތަކުގައި ވަކި ވަކިންނެވެ. ނަމަވެސް ފައިސާ ނެތި ހާލުގައި ޖެހުމާއެކު މި މީހުން ހޮހޮޅައަށް ބަދަލުވާން މަޖުބޫރުވީއެވެ.
25 ދުވަހަށްފަހު މިފަތުރުވެރިންގެ މައުލޫމާތު އެއަވަށުގައި ދިރިއުޅޭ އާންމުންގެ މީހަކު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ހަ ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ނޭޕާލް މީހާއަކީ ހިންދީ ބަސް އެނގޭ މީހެކެވެ. އޭނާވަނީ އެމީހުންގެ ހާލަތު ކިޔައިދީ އެހީ އަށް އެދިފައެވެ.
ރިޝިކޭޝްގެ ނޫހަކާއި ހަވާލާދީ ފުލުހުން ބުނެފައި ވަނީ މި ފަތުރުވެރިންގެ މައުލޫމާތު ލިބުމާއެކު އެމީހުން އެތަނުން ނެރެ މެޑިކަލް ޓެސްޓުތައް ހެދުމަށްފަހު ރައްކާތެރި ތަނެއްގައި ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި މިމީހުންގެ ހުރިހާ ހަރަދެއް ސަރުކާރުން ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.