އިބްރާހިމް ޒަކީ
ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހަކު އެރަށުގައި މަޑު ކުރުމުގެ އިތުރުން، އެރަށުގެ ބަޔަކު އެމީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާތީ ހދ.ކުޅުދުއްފުށި ސިޓީ ލޮކްޑައުންއަށް ގެނެސްފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން މިއަދު ވިދާޅުވީ އެރަށް ލޮކްޑައުންކޮށްފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން ކަމަށެވެ.
އަބްދުއްލަތީފް ވިދާޅުވީ، ހއ. އުލިގަމުން ކޮވިޑަށް ޕޮޒިޓިވް ވި މީހާ ކުޅުދުއްފުށީގައި ގިނަ އިރުތަކެއް ވަންދެން މަޑުކޮށްފައިވާއިރު، ހދ. ހިރިމަރަދޫގައި އައިސޮލޭޝަންގައި ހުރި މީހާވެސް ކުޅުދުއްޓަށް ދިޔަ ކަމަށެވެ.
އެހެންކަމުން ހައިރިސްކު ކޮންޓެކްތްތަކެއް އެރަށުން ފާހަގަވެފައިވާ ކަަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
އުލިގަމުން މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް އޮތީ ލޮކްޑައުން ކޮށްފައެވެ. އުލިގަމުން ޕޮޒިޓިވް ވި މީހާގެ 131 ކޮންޓެކްޓުން ހޯދިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.
އޭނާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓެއްގައި އުލަގަމަށް ދިޔަ މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން، އުލިގަމާއެކު އެ ބޯޓުން މީހުން ފޭބި ރަށްތައް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ކައުންސިލް ރައީސް ވިދާޅުވީ، އެރަށް ލޮކްޑައުންނަށް ގެނެސް ކުރިއަށް ގެންދާ ކަންތައްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ލޮކްޑައުން ކުރުމާ ގުޅިގެން ގެއިން ބޭރަށް މީހުންނަށް ނުނިކުމެވޭނެ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ދިއުން ފަދަ ވަރަށް މުހިއްމު ކަމެއް ޖެހިއްޖެނަމަ ނިކުންނާނެ ފާހެއް އެފަދަ ފަރާތްތަކަށް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވިދާޅުވީ، މާލެއެކޭ އެެއްގޮތަށް ގޭގެއަށް ބޭނުންވާ ކާބޯތަކެރި އެރަށުގެ ފިހާތަކުން ގޭގެއަށް ޑެލިވަރީ ކޮށްދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެއްވެސް ރަށަކުން އަންނަ މީހުންނަށް ރަށަށް ނޭރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް މުދާ ބަލައި ދިޔަ މީހުންނަށްވެސް އެރަށަށް ނޭރޭނެ ކަމަށާއި އެ ދޯނިތަކާ ހިސާބަށް ފިހާރަތަކުން މުދާ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.
ކައުންސިލް ރައީސް ވިދާޅުވީ، އޮޑިފަހަރު މަހަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ ދީފައިވަނީ، ކައުންސިލް އިދާރާގައި އެކަމަށް އެދި ނޯޓްކުރާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެެވެ. އަދި ތަންތަނުގެ ސެކިއުރިޓީ ގާޑުންނާއި، ބައެއް ކަހަލަ އޮފީސްތަކަށް ކޮންމެހެން ނިކުންނަން ޖެހޭ މީހުންނަށްވެސް އެ އޮފީސްތަކަށް ދެވޭނީ ދޫކުރާ ހާއްސަ ފާހެއް ހިފައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހަކު ފުރަތަމަ ފަހަރަށް ފެނިފައިވަނީ ހއ. އުލިގަމުންނެވެ.