ކުއްލި ޚަބަރު

އިތުރު ދިވެއްސަކާއި ބިދޭސީއެއް ޕޮޒިޓިވްވެ، މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 49އަށް

އިތުރު ދިވެއްސަކާއި ބިދޭސީއެއް ޕޮޒިޓިވްވެ، މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 49އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މާލެއިން އިތުރު ދެ ކޭސް ފެނިފައިވާ ކަމަށާއި އެއީ ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެއް ކަމަށެވެ.

އެ ދެ މީހުން ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން މާލެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 49އަށް އަރާފައިވާ ކަމަށާއި އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ކޮވިޑް 19އަށް ޕޮޒިޓިވްވި އިތުރު ދެ މީހެއް (ކޭސް 068، ކޭސް 069) މާލެއިން ވަނީ ފެނިފައި. މީގެ ތެރޭގައި ހިމެނެނީ އެއް ދިވެއްސަކާއި އެއް ބަންގްލަދޭޝް މީހުން. މިއާއެކު މާލެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 49 އަށް އަރާފައި. މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން." އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 17އަށް އަރައިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ ދިހަ ދިވެހިންނާއި އިންޑިއާގެ ހަތަރު މީހަކާއި ބަންގުލަދޭޝްގެ ތިން މީހަކަށެވެ.

އަލަށް މިފެނުނު ދެ މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޖުމުލަ 69 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 49 މީހުންނަކީ މާލެ ތެރެއިން ފެނިފައިވާ ކޭސްތަކެކެވެ. އަދި މާލެއިން ހއ. އުލިގަމަށް ދަތުރު ކުރި މީހެއްވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.