ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތުގެ އެންގުމާ ހިލާފަށް ޑިންގީއެއްގައި ހއ. ބާރަށަށް ގޮސްފައި އެނބުރި މުރައިދުއަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި އުމުރުން 39 އަހަރުގެ މީހަކު ހައްޔަރުކުރީ ޑިންގީއެއްގައި މުރައިދޫން ބާރަށަށް ގޮސް އެނބުރި މުރައިދުއަށް ދިޔުމުން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ރޭ 11:36 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން މިއަދު ވަނީ ގއ. ގެމަނަފުށީ ކައުންސިލްގެ ހުއްދަ ނެތި ސިއްރުން ޑިންގީއެއްގައި ކޮނޑޭއަށް ގޮސް އެރަށު ކައުންސިލުގެ ހުއްދަ ނެތި ފުއްޓަރު ފަރާތުން ރަށަށް ކައިރިކޮށް ސިއްރުން އެރަށަށް އަރައިގެން އުޅެނިކޮށް 60 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައެވެ.