އެމްއެންޑީއެފް

ދެ ގަޑިއިރު ތެރޭގައި ފެން ހިންދުމުގެ އޮޕަރޭޝަން ނިންމާލެވޭނެ: އެމްއެންޑީއެފް

މިހާރު ފެން ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި ދެ ގަޑިއިރެއް ތެރޭގައި އެއްކޮށް ފެން ހިންދޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ މިހާރު އާންމުންނަށް ހިނގާލެވޭ ވަރަށް ފެން ބޭރުކުރެވިފައިވާ ކަމަށާއި އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ކަމަށެވެ.

"މިހާރު ފެން ކޮންޓްރޯލް ކުރެވިއްޖެ. އާންމުންނަށް ހިނގާލެވޭ ވަރަށް ފެން ބޭރުކުރެއްވިއްޖެ. އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި. އެންމެ ފަހުން ބެލި އިރުގައި ދިހަ ވަރަކަށް އިންޗިއަށް ފެން ހެދިފައި ހުރީ. ކޮންޓްރޯލް ކުރެވުނު ނަމަވެސް، ކުރިއަށް އޮތް ވަގުތުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެއީ މިރޭ ވެސް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ،" އޭނާ ވިދާޅުވިއެވެ.

ކާނަލް ޒުހުރީ ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތަށް އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ނުވަ ޕަމްޕު ހަދިޔާކޮށްފައިވާ ކަމަށާއި އަމީން ކޮންސްޓްރަކްޝަނުން ވެސް ތިން ޕަމްޕު ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަމިއްލަ އެހެން ފަރާތްތަކުން ވެސް ޕަމްޕު ހަދިޔާކުރުމަށް ވާހަކަދައްކަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުމެން ބޭނުންކުރަމުންދިޔައީ 14 ޕަމްޕު. މިހާރު ފެން ހިންދުމަށް މި ބޭނުންކުރަނީ ނުވަ ޕަމްޕު. އިތުރަށް ގޯސްވެއްޖެ ހާލަތެއްގައި އަޅުގަނޑުމެން 25 ޕަމްޕު ބޭނުންކުރާނަން. މިހާރު އަޅުގަނޑުމެން މިދަނީ ޕަމްޕުތައް ތައްޔާރުކުރަމުން،" އޭނާ ވިދާޅުވިއެވެ.

ޒުހުރީ ވިދާޅުވީ މާލޭގައި އިތުރަށް ފެން ބޮޑުވެދާނެ ހާލަތެއް މެދުވެރިވާނެ ކަމަށް ނުބެލެވޭ ކަމަށާއި އެމްއެންޑީއެފްގެ ޓީމުތައް ތިބީ ތައްޔާރަށް ކަމަށެވެ.

ފެން ހިންދުމުގެ މަސައްކަތުގައި ބޭނުންކުރުމަށް އުރީދޫން ވަނީ މިރޭ އެމްއެންޑީއެފްއަށް 50 ގަން ބޫޓު ހަދިޔާކޮށްފައެވެ. އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތުގައި އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެ ކުންފުނީގެ މުވައްޒަފުން ވެސް ތިބީ އެ މަސައްކަތުގައި ބައިވެރިވުމަށް ތައްޔާރަށް ކަމަށެވެ.