އަލީ ޔާމިން
ކޮވިޑް 19އަށް ހަދާ ޕީސީއާރު ޓެސްޓު ހެދޭނީ ހަމައެކަނި އައިޖީއެމްއެޗުން ކަމަށާއި ރާއްޖޭގެ އެހެން ތަނަކުން އެ ޓެސްޓު ނުހެދޭނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ، ކޮވިޑުގެ ޓެސްޓު މިހާތަނަށް ހެދޭނީ އައިޖީއެމްއެޗުގައި އެކަނި ކަމަށެވެ. ނަމަވެސް ފަހުން ތައާރަފްވި ކާޓްރިޖް ލައްވައިގެން ޓެސްޓު ކުރެވޭ ބައެއް މެޝިންތަކެއް އަތޮޅުތެރޭގައާއި މާލޭގައި ވެސް އެބަހުރި ކަމަށާއި އެ ކާޓްރިޖް ގެނައުމަށް އޯޑަރުކޮށްފައިވާ ކަމަށެވެ.
"ކޮވިޑް ޓެސްޓް މިހާތަނަށް ހެދޭނީ އައިޖީއެމްއެޗުން. އެކަމު ޓްރީޓޮޕް ހޮސްޕިޓަލަކީ ވެސް މުސްތަގުބަލުގައި ކޭސްތައް ގިނަވެއްޖެއްޔާ ބޭނުން ކުރާނެ ހޮސްޕިޓަލެއް. ދެން އިތުރަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ބަލާއިރުގައި މިހާތަނަށް އަޅުގަނޑުމެންނަށް މި ރަށްރަށުގައި ވެސް އެބަހުރި ޓެސްޓިން ފެސިލިޓީތައް، ނަމަވެސް އޭގެ ކާޓްރިޖްތަކާ އެއްޗެހި އަދި ނުލިބޭތީ. އެ ކާޓްރިޖަކީ ވަރަށް ފަހުން ތައާރަފްވި ކާޓްރިޖެއް. އެއަށް ވެސް އޯޑަރު ދީފައިވަނީ. އެހެންމަ އެހާ ހިސާބަށް އަންނައިރު އަތޮޅު ތެރޭގައި ވެސް ޓެސްޓް ކުރެވޭނެ ފެސިލިޓީތައް ހުންނާނެ،" ޑރ. ލަތީފް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އައިޖީއެމްއެޗްގައި ދެ ޕީސީއާރު މެޝިނާއި އެއް އެކްސްޓްރޭކްޝަން މެޝިން މިހާރު އެބަހުރި ކަމަށެވެ. އަދި ޓެސްޓުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖެއަށް އިތުރު އެކްސްޓްރޭކްޝަން މެޝިނެއް ގެނައުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.