ބަލި ހުރުމުގެ ފުރުސަތު އޮތް ދެ މީހަކު އެބައުޅޭ ކަމަށާއި އެމީހުން ފާހަގަކޮށްފައިވާނީ ޕްރޮބަބަލް ކޭސްތަކުގެ ގޮތުގައި ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވި ނަމަވެސް ދެވަނަ ޓެސްޓުން ބައެއް މީހުން ނެގެޓިވްވާ ކަމަށާއި އެގޮތުން ބަލި ހުރުމުގެ ފުރުސަތު އޮތް ދެ މީހަކު ޕްރޮބަބަލް ކޭސްގެ ގޮތުގައި ކަނޑައަަޅައިފައިވާ ކަމަށެވެ. ނަމަވެސް ދެން ހުރި ހުރިހާ ކޭސްއަކީ ކަށަވަރު ވެފައިވާ ކޭސްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެޗްޕީއޭގެ މެޑިކަލް އޮފިސަލު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެގޮތަށް ތުހުމަތުކުރެވޭ ކޭސްގެ ގޮތުގައި ގެންގުޅޭ ކޭސްތައް އެޗްޕީއޭއިން އިއުލާނު ނުކުރާނެ ކަމަށެވެ. އަދި އެ ކޭސްތައް ބަލާނީ ނެގެޓިވް ކޭސްއެއްގެ ގޮތުގައި ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިބަލަނީ ނެގެޓިވް ކޭސްއެއްގެ ގޮތަކަށް ނޫން. ޕްރޮބަބަލް ކޭސްއެއްގެ ގޮތުގައި. އެއީ ފުރަތަމަ ޓެސްޓުގެ ރިޒަލްޓް ޕޮޒިޓިވްވުމާ އަދި ބައެއް ހާލަތްތަކުގައި އެހެން ހާލަތްތަކުގައި ބަލި ހުރުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ވީމަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތާ ދެތިން ހަފްތާ ވެދާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ކޮމިއުނިޓީ ސްޕްރެޑް އުޅޭކަން ކަށަވަރުވީ މާލެއިން މީހަކު ޕޮޒިޓިވްވުމާއެކުގައި ކަމަށެވެ.