އަލީ ޔާމިން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބެކްލޮގެއް އެބައުޅޭ ކަމަށާއި މަސައްކަތްކުރަނީ ވީހާވެސް އަވަހަށް ޓެސްޓުގެ ނަތީޖާތައް ފޯރުކޮށްދޭން ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެއްފަހަރާ ގިނަ ޓެސްޓުތަކެއް ހަދަމުންދާތީ ހުރިހާ ޓެސްޓެއްގެ ނަތީޖާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން މިރޭގެ މިހާތަނަށް ވެސް 350 ވަރަކަށް ސާމްޕަލްގެ ނަތީޖާ ނުލިބި އެބަހުރި ކަމަށެވެ.
ނަމަވެސް އެކަން ހައްލުކޮށް ޓެސްޓުތަކުގެ ނަތީޖާ އަވަސް ކުރުމަށް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރިއަލިޓީއަކީ އަޅުގަނޑުމެންގެ އެބައުޅޭ ބެކްލޮގެއް، އަޅުގަނޑުމެން ކޮންމެ ދުވަހަކު އައިސް މިކިޔާ ދޭ ނަމްބަރުތަކުން ތިޔަ ބޭފުޅުންނަށް ވެސް ފެންނާނެ ސާމްޕަލްތައް ވެސް ނަތީޖާ ނުލިބި 250 އެއްހާ ސާމްޕަލް. މިރޭ އައިއިރު 350 އެއްހާ ސާމްޕަލް އެބަހުރި ނަތީޖާ ނުލިބި،" މަބްރޫކް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވެސް ވަނީ އެޗްޕީއޭގައި ބެކްލޮގެއް އުޅޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ނެގެޓިވް ކޭސްތަކުގެ ޓެސްޓުތަކުގެ ނަތީޖާ ފޯރު ކޮށްދިނުމުގައި ލަސްތަކެއް އުޅޭ ކަމަށާއި އެކަން ރަނގަޅު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިންވަނީ ކޮވިޑުގެ ޓެސްޓުގެ ނަތީޖާ ހަ ގަޑިއިރާއި 12 ގަޑިއިރުގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް ބުނެފައެވެ.