ކޮވިޑް 19އަށް ޓެސްޓުކުރުމުގެ މަސައްކަތަށް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތްކުރާ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގައި ލަސްތަކެއް އުޅޭކަން ގަބޫލުކުރައްވާ ކަމަށާއި އެތަނުގައި މިހާރު ވެސް ނަތީޖާ ނުލިބި 350 ސާމްޕަލް އެބަހުރި ކަމަށެވެ. ނަމަވެސް ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މިހާތަނަށް ނަތީޖާ ނުލިބި 350 އެއްހާ ސާމްޕަލް އެބަހުރި. މަސައްކަތް ކުރަމުންދަނީ ނަތީޖާ އަވަސްކުރުމަށް އިތުރު މެޝިނެއް ގެނެވުމަށް މަސައްކަތް އެބަކުރެވޭ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އެ މެޝިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ އެސްޓީއޯ އިންނެވެ.
ސާމްޕަލްތައް ޓެސްޓުކުރުމަށް ރާއްޖެއަށް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނިއިރު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރީ 3500 ޓެސްޓް ކިޓް ކަމަށާއި ނަމަވެސް އެ އަދަދުވެސް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.