އަލީ ޔާމިން
އެމްޑަބްލިޔުއެސްސީން ދޫކުރާ އިސްކުރު ފެނަކީ ރަނގަޅު ފެން ކަމަށާއި ޑރ. ނަޒްލާ ރަފީގު ވެސް ބޮނީ އެފެން ކަމަށް ނަޒްލާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އިސްކުރުފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ފެތޭ ބޯން ރައްކާތެރި ފެނެއް ކަމަށެވެ.
"އީޕީއޭއިން އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެވެސް ޑްރިންކިން ވޯޓާ ކެޓަގަރީއަށް ފެތޭ ފެންކަމަށް އެ ބޭފުޅުން ވިދާޅުވަނީ. އަޅުގަނޑުވެސް ބޮނީ އެފެން. ބޯން އެންމެ ރަނގަޅު ފެން އެނގޭތޯ އެއީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވާ އިރު، އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ސަޕްލައި ފެން ނުވަތަ އިސްކުރު ފެނަކީ ބުއިމަށް ރައްކާތެރި ފެނެއް ކަމަށް އެކުންފުނިން ވެސް ވަނީ ބުނެފައެވެ. އެގޮތުން އެމްޑަބްލިޔުއެސްސީން ބުނީ އެ ފެނަކީ އެ ކުންފުނީގެ އައިއެސްއޯ 17،025 އެކްރެޑިޓެޓް ލެބޯޓަރީގައި ކޮންމެ ދުވަހަކު ފެނުގެ ކޮލިޓީ ޓެސްޓް ކުރާ ފެނެއް ކަމަށެވެ.
މާލެ ލޮކްޑައުންކުރުމާއެކު ގޭގެއަށް ފެން ޑެލިވަރީ ކުރުން ވަނީ ހުއްޓާލައިފައެވެ. ފެން ކުންފުނިތަކުން ބުނެފައިވަނީ ގޭގެއަށް ޑެލިވާކޮށް ނުދިން ނަމަވެސް ކަންމަތީ ފިހާރަތަކަށް ފެން ޑެލިވާކޮށްދޭނެ ކަމަށެވެ.