ކުއްލި ޚަބަރު

ރާއްޖޭން ބޭރުގައި ތިބި މީހުންނަށް ޒަކާތު ފަންޑުން 2.9، އާސަންދައިން 1.9 މިލިއަން ވަނީ ހޭދަކޮށްފައި

އަލީ ޔާމިން

ކޮވިޑާ ގުޅިގެން ރާއްޖޭން ބޭރުގައި ތިބި މީހުންނަށް ޒަކާތު ފަންޑުން 2.9 މިލިއަން ރުފިޔާ އަދި އާސަންދައިން 1.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ފޮރިން މިނިސްޓްރީން އަންނަނީ ރާއްޖޭން ބޭރުގައި ތިބި ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން މިހާތަނަށް އާސަންދަ މެދުވެރިކޮށް އެފަރާތްތަކަށް 1.9 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއިން ބޭރުގަ މިވަގުތު ތިބި ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން އާސަންދަ މެދުވެރިކޮށް މިހާތަނަށް 1.9 މިލިއަން ރުފިޔާ ހޭދަކުރެވިފައިވޭ. އަދި ޒަކާތު ފަންޑު މެދުވެރިކޮށް 2.5 މިލިއަން ރުފިޔާ ހޭދަކުރެވިފައިވޭ،" މަބްރޫކް ވިދާޅުވިއެވެ.

ބޭރުގެ ގައުމުކުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނައިރު ކޮވިޑުގެ ސަބަބުން އެގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއެކު ހާލުގައިޖެހިފައި ނުވަތަ އެހީތެރިކަން ބޭނުންވެފައިވާ ދިވެހިންގެ ކަންކަން ސަރުކާރުން އަންނަނީ ގާތުން ބަލަމުންނެވެ. އަދި ލިބޭ ފުރުސަތެއްގައި ބައެއް ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ.

ސަރުކާރުން މީގެ ކުރިން ބުނީ، އަމާޒަކީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ދިވެހިން ރާއްޖެ ގެނައުން ކަމަށެވެ. އެގޮތުން މިހާތަނަށް ވެސް ހަތަރު ގައުމަކުން ދިވެހިން ވަނީ ގެނެސްފައެވެ. އަދި ބައެއް ގައުމުތަކުގައި ތިބި ދިވެހިންނަށް އެހީވުމަށް އަންނަނީ ކެއާ ޕެކޭޖުތައް ވެސް ފޮނުވަމުންނެވެ.