ގެއިން ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށް ޑރ. އަލީ ލަތީފު އިލްތިމާސްކުރައްވައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ މާސްކު އަޅާ ހާލަތަށް ނުދާ ކަމަށް ކުރިން ދަންނަވާފައިވާނީ އޭރު މާލޭގައި ބަލި ފެތުރިފައިނުވާތީ ކަމަށެވެ.
"އެކަމަކު މިހާރު ކޮންމެހެން ބޭރަށް ވަޑައިގަންނަވަން ޖެހިއްޖެއްޔާ އެ އޮންނަ ގަވައިދެއްގެ މަތިން، އެ އޮންނަ އުސޫލެއްގެ މަތިން ބޭރަށް ވަޑައިގަންނަވަންޏާ މާސްކު އެޅުއްވުމަކީ މުހިންމު ކަމެއް. އަދި ބައެއް ފަހަރު ބައެއް ތަންތަނަށް ވަޑައިގަންނަވާ އިރުގައި، އެއީ މިސާލަކަށް ފިހާރައެއް ނަމަވެސް އެހެން ތަނެއް ނަމަވެސް، މިހުން ގިނަ ތަނަކަށް ވަޑައިގަންނަވާ ނަމަ މާސްކެއް އަޅައިގެން ވަޑައިގެންނެވުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ ބަލި ކޮންޓްރޯލްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ގޭގައި މަޑުކުރުން ކަމަށާއި މިހާރުގެ މި ލޮކްޑައުންއާ ގުޅިގެން ހުރިހާ ބޭފުޅުންނަށް ވެސް ގޭގައި މަޑުކުރަން މަޖުބޫރުވާ ކަމަށެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ޒަރޫރީ ހިދުމަތެއް ހޯދުމަށް ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު މާލޭގެ ކޮންމެ ގެއަކުން ވެސް އެކަކަށް ބޭރަށް ނުކުތުމަށް އެއްގަޑިއިރު ދޭން ވަނީ ނިންމައިފައެވެ. ފުލުހުންގެ ފަރާތުން ނަގާ ހުއްދަ ދޫކުރާއިރު ދެވޭނީ ވަކި ސަރަހައްދަކަށެވެ.