ބުނާގޮތް ނުހަދައިފި ނަމަ ބަލި ޖެހޭ މީހުން މިހާރަށްވުރެވެސް މާބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ މާލެއަށް މި ބަލި އައިސްފި ކަމަށްވަންޏާ، ފުދޭވަރަކަށް ގިނަ ކޭސްތައް ފެނިދާނެ ކަމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ވެސް ދެންނެވިން މާލެއަށް މި ބަލި އައިސްފި ކަމަށްވަންޏާ، ފުދޭވަރަކަށް ގިނަ ކޭސްތައް ފެނިދާއޭ. އަޅުގަނޑުމެން މިހާރު ލޮކްޑައުންއެއް މާލޭގައި ހިންގާފައި އޮތީމަ ކޭސްތައް ފެންނަލެއް މަދުވޭ އެބަ. އެހެންނަމަވެސް މުސްތަގުބަލުގައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް ބަރާބަރަށް ނާޅައިފިއްޔާ އަދި އާންމުންވެސް އަޅުގަނޑުމެންނަށް ދޭންޖެހޭ އެއްބާރުލުން ނުދެއްވައިފި ކަމަށްވަންޏާ ފުދޭވަރަކަށް މައްޗަށް ގޮސްދާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ ފުދޭވަރަކަށް ގިނަ މީހުންނަށް މި ބަލި ޖެހި، ފުދޭވަރަކަށް ގިނަ މީހުން މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ކުރިން އަންދާޒާކޮށްފައިވާނެ ކަމަށާއި ނަމަވެސް މާލެއިން ބަލި ޖެހުނު 47 މީހުންގެ ތެރެއިން އެއްވެސް މީހަކު އިތުރަށް ބޮޑަށް ބަލިވެފައިނުވާ ކަމަށެވެ.
"އެމީހުންނަށް އިތުރު ހާއްސަ ފަރުވާއެއް ދޭކަށްވެސް ނުޖެހޭ. އެހެންނަމަވެސް ނަންބަރު ގިނަވެގެން ދާކަމަށްވަންޏާ އިތުރަށް ބަލި ބޮޑުވެ، އަޅުގަނޑުމެން އެމީހުން އެޑްމިޓްކޮށްގެން ހާއްސަ ފަރުވާ ދޭން ޖެހޭ ހިސާބަށް ގޮސްދާނެ. މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކޮންޓެކްޓްސްތައް ގިނަކަމުން. ކޮންޓެކްޓްސްތައް ގިނަވީމަ އަޅުގަނޑުމެންނަށް އެމީހުންގެ ޓެސްޓު ހަދައި، އެމީހުން ނަގައިގެން ވަކި ތަންތަނަށް ގެންދިއުމަށް ދަތިކަމެއް އެބަ އާދޭ،" އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ޖުމުލަ 67 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 47 މީހުންނަކީ މާލެ ތެރެއިން ފެނިފައިވާ ކޭސްތަކެކެވެ. މިއަދު އެކަނިވެސް މާލެއިން ވަނީ 15 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މާލެއިން ހއ. އުލިގަމަށް ދަތުރު ކުރި މީހެއްވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.