ރާއްޖޭގައި ކޮވިޑު ޖެހިފައި ހުރި އެއްވެސް މީހެއްގެ ހާލު އަދި ގޯސް ނޫން ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކަށް ހާއްސަ ފަރުވާއެއް ދޭން ޖެހިފައިނުވާ ކަމަށާއި ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެގެންދާ ނަމަ، އެޑމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ހިސާބަށް ގޮސްދާނެ ކަމަށެވެ.
"މިހާ ހިސާބަށް ދިޔަ އިރު، އިރާދަކުރެއްވިއްޔާ މި 47 ޕޭޝަންޓުންގެ ތެރެއިން އެއްވެސް ޕޭޝަންޓެއް އިތުރަށް ބޮޑަށް ބަލިވެގެންނެއް ނުދޭ. އަދި އިތުރު ހާއްސަ ފަރުވާއެއް ދޭކަށްވެސް ނުޖެހޭ. އެހެންނަމަވެސް ނަންބަރު ގިނަވެގެން ދާކަމަށްވަންޏާ އިތުރަށް ބަލި ބޮޑުވެ، އަޅުގަނޑުމެން އެމީހުން އެޑްމިޓްކޮށްގެން ހާއްސަ ފަރުވާ ދޭން ޖެހޭ ހިސާބަށް ގޮސްދާނެ. މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކޮންޓެކްޓްސްތައް ގިނަކަމުން. ކޮންޓެކްޓްސްތައް ގިނަވީމަ އަޅުގަނޑުމެންނަށް އެމީހުންގެ ޓެސްޓު ހަދައި، އެމީހުން ނަގައިގެން ވަކި ތަންތަނަށް ގެންދިއުމަށް ދަތިކަމެއް އެބަ އާދޭ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ މާލެއަށް މި ބަލި އައިސްފި ކަމަށްވަންޏާ، ފުދޭވަރަކަށް ގިނަ ކޭސްތައް ފެނިދާނެ ކަމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތަކަށް އަމަލުނުކޮށްފި ނަމަ، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ގޮސްދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ލޮކްޑައުންއެއް މާލޭގައި ހިންގާފައި އޮތީމަ ކޭސްތައް ފެންނަލެއް މަދުވޭ އެބަ. އެހެންނަމަވެސް މުސްތަގުބަލުގައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް ބަރާބަރަށް ނާޅައިފިއްޔާ އަދި އާންމުންވެސް އަޅުގަނޑުމެންނަށް ދޭންޖެހޭ އެއްބާރުލުން ނުދެއްވައިފި ކަމަށްވަންޏާ ފުދޭވަރަކަށް މައްޗަށް ގޮސްފާނެ. އަޅުގަނޑުމެންގެ ކުރީގެ އެސްޓިމޭޓުތަކުން ވެސް އެނގިވަޑައިގަންނަވާނެ ފުދޭވަރަކަށް ގިނަ މީހުންނަށް މި ބަލި ޖެހި، ފުދޭވަރަކަށް ގިނަ މީހުން މަރުވެދާނެ ކަމުގެ ބިރު އޮންނަކަން،" އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ޖުމުލަ 67 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 47 މީހުންނަކީ މާލެ ތެރެއިން ފެނިފައިވާ ކޭސްތަކެކެވެ. މިއަދު އެކަނިވެސް މާލެއިން ވަނީ 15 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މާލެއިން ހއ. އުލިގަމަށް ދަތުރު ކުރި މީހެއްވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.