ކުއްލި ޚަބަރު

ލޮކްޑައުން މިގޮތަށް ގެންދެވިއްޖެ ނަމަ، ބަލި ޖެހޭ މީހުންނާ ބައްޔަށް ހުށަހެޅޭ މީހުން މަދުވާނެ: ޑރ. ނަޒްލާ

ލޮކްޑައުން މިގޮތަށް ގެންދެވިއްޖެ ނަމަ، ބަލި ޖެހޭ މީހުންނާ ބައްޔަށް ހުށަހެޅޭ މީހުން މަދުވާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅިގެން ހޯދިފައިވާ ގިނަ ކޮންޓެކްޓުންނަކީ ބޮޑެތި ކުންފުނިތަކުގައި ވަރަށް ގިނަ މީހުންނާއެކު މަސައްކަތްކުރާ މީހުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އުންމީދަކީ މިގޮތަށް ލޮކްޑައުންގައި ބައްދަލުވާ މީހުން މަދުކުރެވިއްޖެއްޔާ ޕޮޒިޓިވްވެފައި ތިބި މީހުން ވެސް އަޅުގަނޑުމެންނަށް އައިޑެންޓިފައިވާ އިރު، އެމީހުންނާ ބައްދަލުވެފައި ތިބި މީހުން މަދުވެ އެމީހުންގެ ފަރާތުން ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު ވަރަށް ބޮޑތަނުން މަދުވެގެންދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު ފާހަގަކުރެވޭ ބައެއް ކޭސްތަކަކީ މިމަހުގެ 15 ވަނަ ދުވަހު ލޮކްޑައުންއަށްފަހު މީގެ ދެދުވަސް ނޫނީ ތިން ދުވަސް ކުރިން ނޫނީ އެއް ދުވަސް ކުރިން އަލާމާތްތައް ފެނިގެން ޕޮޒިޓިވްވެފައިވާ ފަރާތްތައް ކަމަށެވެ.

"މި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މާލެ ލޮކްޑައުންއަކަށް ދިއުމަށްފަހު އަލާމާތްތައް ފެނުނު ކޭސްތައް، ހާއްސަކޮށް އޭގެ ދެތިން ދުވަސްފަހުން އަލާމާތްތައް ފެނުނު ކޭސްތަކަށް ބަލާއިރު، ކޮންޓެކްޓްތައް ވަރަށް ބޮޑަށް މަދުވެފައި މިހުރީ،" އޭނާ ވިދާޅުވިއެވެ.

ޕޮޒިޓިވްވާ މީހުންނާ ގުޅިގެން އެމީހުންނާ ބައްދަލުވެފައިވާ މީހުން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 945 މީހަކު ވަނީ ހޯދައިފައެވެ.