ކުއްލި ޚަބަރު

ކޮވިޑް ޖެހިފައިވަނިކޮށް މިއަދު ފަހުން ފެނުނު ހަތް މީހުންނަކީ ކުރީން ފެނުނު މީހުންނާ ގުޅުންހުރި މީހުން: ޑރ. ނަޒްލާ

ކޮވިޑް 19 ޖެހިފައިވަނިކޮށް މިއަދު ފަހުން ފެނުނު ހަތް މީހުންނަކީ ކުރީން ފެނުނު މީހުންނާ ގުޅުންހުރި މީހުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާރު ފާހަގަކުރެވޭ ބައެއް ކޭސްތަކަކީ މިމަހުގެ 15 ވަނަ ދުވަހު ލޮކްޑައުންއަށްފަހު މީގެ ދެދުވަސް ނޫނީ ތިން ދުވަސް ކުރިން ނޫނީ އެއް ދުވަސް ކުރިން އަލާމާތްތައް ފެނިގެން ޕޮޒިޓިވްވެފައިވާ ފަރާތްތައް ކަމަށެވެ،

"މި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މާލެ ލޮކްޑައުންއަކަށް ދިއުމަށްފަހު އަލާމާތްތައް ފެނުނު ކޭސްތައް، ހާއްސަކޮށް އޭގެ ދެތިން ދުވަސްފަހުން އަލާމާތްތައް ފެނުނު ކޭސްތަކަށް ބަލާއިރު، ކޮންޓެކްޓްތައް ވަރަށް ބޮޑަށް މަދުވެފައި މިހުރީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގިނަ ކޮންޓެކްޓުންނަކީ ބޮޑެތި ކުންފުނިތަކުުގައި ވަރަށް ގިނަ މީހުންނާއެކު މަސައްކަތްކުރާ މީހުން ކަމަށާއި އެހެންވީމާ އުންމީދަކީ މިގޮތަށް ލޮކްޑައުންގައި ބައްދަލުވާ މީހުން މަދުކުރެވިއްޖެއްޔާ ޕޮޒިޓިވްވެފައި ތިބި މީހުން ވެސް ފާހަގަކުރެވޭ އިރު، އެމީހުންނާ ބައްދަލުވެފައި ތިބި މީހުން މަދުވެ އެމީހުންގެ ފަރާތުން ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެންދިއުން ކަމަށެވެ.

ޕޮޒިޓިވްވާ މީހުންނާ ގުޅިގެން އެމީހުންނާ ބައްދަލުވެފައިވާ މީހުން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 945 މީހަކު ވަނީ ހޯދައިފައެވެ.