ކާބޯތަކެތި ޑެލިވަރީ ކުރުމަށް 3000 އަށްވުރެ ގިނަ ފާސް ދޫކޮށްފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ކާބޯތަކެތި ޑެލިވާކުރުމަށްޓަކައި އިތުރު އުސޫލެއް މިރޭ ނެރޭނެ ކަމަށެވެ.
"އެ އުސޫލު ނެރެނީ ސަޕްލަޔަރުންނަށް އަދި ވިޔަފާރިކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް. ޑެލިވަރީކުރުމަށް މިހާރު ޕޮލިހުންގެ ފަރާތުން އެކި ފިހާރަތަކަށާއި ރެސްޓޯރަންޓްތަކަށް 3472 ފާހެއް ދޫކޮށްފައިވޭ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންގެ ކެއުންބުއިމުގެ ކަންތައް ހަމަޖެއްސުމަށް މޯލްޑިވްސް ރެޑްކްރެސެންޓާއި ޕޮލިހާ ގުޅިގެން 33 ފަރާތަކަށް ވަނީ ލައިސަސް ދޫކޮށްފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ފުލުހުންގެ އިލްތިމާސްތަކާއި ނަސޭހަތްތަކަށް ބޯނުލަނބާ އުޅުމުގެ ސަބަބުން މިއަދު 95 މީހަކު ފުލުހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.