ކ. ގުރައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ނޭޝަނަލް އޮޕަރޭޝަންސް އިމަޖެންސީ ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ގުރައިދޫގެ އިތުރުން ވެސް ބައެއް ރަށްރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.
"ކ. ގުރައިދޫ މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެންދެވިފައި. ކ. ގުރައިދޫއާއެކު މިހާރު މޮނީޓަރިންގެ ހާލަތުގައި ދެން ހުރި ތަންތަނަކީ ހއ. މާރަންދޫ، ހދ. ނޮޅިވަރަމް، ހދ. ވައިކަރަދޫ، ހދ. ހިރިމަރަދޫ، ހއ. ހޯރަފުށި، ހއ. ތުރާކުނު، ހއ. އިހަވަންދޫ، ހއ. އުލިގަމު، ޖޯލި މޯލްޑިވްސް، ބޮޑުފުށި ރިސޯޓު ކޮންސްޓްރަކްޝަން ސައިޓު، މޯލްޑިވިއާނާ ސަފާރީ އަދި މީގެ އިތުރުން ގްރޭޓާ މާލެ އޭރިއާ މިވަނީ ލޮކްޑައުނަކަށް ގެނެވިފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިއަދުގެ މިހާ ހިސާބަށް 945 ކޮންޓެކްޓެއް ހޯދިފައިވާ ކަމަށާއި މިކަމާ ގުޅިގެން މިއަދާ ހަމައަށް 164 ބިލިޑިން އާއި އެޕާޓްމަންޓްތައް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އަދި މިރޭ 7:30އާ ހަމައަށް 38 ތަނެއް މޮނީޓަރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.