ކޮވިޑް 19އާ ގުޅިގެން މާލެ، ހުޅުމާލެ، ވިލިމާލޭގައި ވެކްސިން ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ ވެކްސިން ދިނުން މެދުކަނޑާލަން ޖެހުނު ސަބަބަކީ ކޮވިޑް 19ގެ ބަލިމީހުން މިހާރު މާލެ ތެރެއިން ފެންނަމުންދާތީ އާއި މާލޭގައި ހަލުވިކަމާއެކު ބަލި ފެތުރުމުގެ ހާލަތުގައިވާ އިރު، ވެކްސިން ދިނުމަށް މިވަގުތު ވެކްސިން ދޭ މަރުކަޒުތަކަށް ދިއުމަށް ވުރެ ގޭގައި މަޑުކުރުން ރައްކާތެރިކަމަށް ބެލެވޭތީ ކަމަށެވެ.
“މިވަގުތު އިއުލާނުކޮށްފައިވާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުގައި ވެކްސިން ދިނުން ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތަށް ހަމަޖައްސަން ޖެހުނު ސަބަބަކީ ކޮވިޑް 19ގެ ބަލިމީހުން މިހާރު މާލެ ތެރެއިން ފެންނަމުންދާތީ އާއި މާލޭގައި ހަލުވިކަމާއެކު ބަލި ފެތުރުމުގެ ހާލަތުގައިވާ އިރު، ވެކްސިން ދިނުމަށް މިވަގުތު ވެކްސިން ދޭ މަރުކަޒުތަކަށް ދިއުމަށް ވުރެ ގޭގައި މަޑުކުރުން ރައްކާތެރިކަމަށް ބެލެވެއެވެ..،” އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ މި 14 ދުވަހުގެ މުއްދަތަށް ފަހު މި ހާލަތު މިއަށްވުރެ ދިގުދެމިގެންދާނަމަ، މާލެ ސަރަހައްދުގައި ވެކްސިން ދިނުން ކުރިއަށްގެންދިއުމަށް ހަމަޖައްސާނެގޮތެއް އިއުލާނުކުރެވޭނެ ކަމަށެވެ.