ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކޮވިޑަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބުރޫކު ވިދާޅުވީ ކޮވިޑް 19 އަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓާ ބަދަލު ކުރުމަށް ނިންމާފައިވަނީ އެތަނުގެ ސްޓްރަކްޗާއަށް މާބޮޑު ބަދަލެއް ނުގެނެސް ކަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލުގައި އައިސޮލޭޝަނަށް ހާއްސަ 22 އެނދު އަދި 23 އައިސީޔޫ އެނދު ބެހެއްޓޭނެ ގޮތަކަށް ކަންކަން ތައްޔާރު ކުރަމުން އަންނަ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓާ ކޮވިޑަށް ހާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުން ކުރާނީ މިހާރު ތިބި ޕޭޝަންޓުން ބަދަލު ކުރުމަށް ފަހު ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީޕީއީ މަދު ކަމަށް ދެކެވޭ ވާހަކަ މަބުރޫކު ދޮގު ކުރެއްވިއެވެ. މަބުރޫކު ވިދާޅުވީ އައްޑޫ ހޮސްޕިޓާ ނުވަތަ އައްޑޫގައިވެސް ޕީޕީއީ ހުސް ނުވާނެ ކަމަށެވެ. އަދި ޕީޕީއީ ހުސްވުމުގެ ކުރިން އެއެއްޗެހި ފޮނުވާނެ ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ.
މަބުރޫކު ވިދާޅުވީ ފޯރުކޮށް ނުދެވޭވަރަށް ރާއްޖޭގައި ޕީޕީއީ އަދި މަދު ނޫން ކަމަށެވެ.