މިހާރު މި ފެންނަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރީން ބަލި ޖެހުނު މީހުން، މާލޭ އޮތީ ނުރައްކާ ހާލަތެއްގައި ކަމަށް ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، މިވަގުތު މާލޭގެ ހާލަތު ރަނގަޅު ނޫން ކަމަށާއި މި ހާލަތުގެ ސަބަބުން އިތުރު މީހުންނަށް ބަލި ފެތުރެމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ހަތަރު ފަސް ދުވަސް ކުރިން އެންމެ މަދުވެގެން އިންފެކްޓުވެފަ ތިބި ފަރާތްތައް މިހާރު ޑައިގްނޯސް ކުރެވެމުން މިދަނީ. މާލޭގެ ހާލަތު ރަނގަޅު ހާލަތެއްގައެއް ނޫން މިވަގުތު މިއޮތީކީއެއް.. މިހާރު ތިކުރެއްވި ސުވާލުގެ ޖަވާބަކީ މާލެ މިއޮތީ ނުރައްކާ ހާލަތެއްގައޭ،" ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާލަތުގެ ނުރައްކާ ބޮޑު ކަމުން މުޅި މާލެ މިއަދު މިއޮތީ ލޮކްޑައުންގައި ކަމަށާއި މިއީ މީގެ ތިން މަސް ކުރިން އެކަކު ވެސް އުންމީދުކޮށްގެން ހުރި ހާލަތެއް ނޫން ކަމަށެވެ. ނަމަވެސް ބަލި ފެތުރުން ހުއްޓުވޭނީ ލޮކްޑައުން ކޮށްގެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ޕްލޭން ކުރަން ފެށިއިރުވެސް އަޅުގަނޑުމެންނަށް ހިޔާލަށް ވެސް އޭރު ނުގެނެވޭ މާލެ މިގޮތަށް މިހާވަރުގަދަ ލޮކްޑައުން އަކަށް ގެންދެވޭނެ ކަމަކަށް ވެސް. މިގޮތަށް ގެންނަން މިޖެހުނީ އަޅުގަނޑުމެންނަށް އެބައެނގޭ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރުވެސް ލޮކްޑައުންއެއް ނައިސްފިއްޔާ މިހާލަތުން އިތުރަށް ގޯހުން ގޯހަށް ބަލި ފެތުރެމުންދާނެކަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.